logo
banner image

ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމް މާރާމާތު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ސިފައިންގެ ވެލްފެއާ ޕްރައިވެޓް ލިމިޓެޑް (ސިވެކް)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތަކީ ގާތް ގަނޑަކަށް ހަތަރު މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މި އެއްބަސްވުމުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ލައިޓްތަކުގެ މިހާރުގެ ހާލަތު ބެލުމަށް ފަހު، ބަދަލުކުރަން ޖެހޭ ލައިޓްތައް ބަދަލުކުރުމާއި، މުޅި ލައިޓް ސިސްޓަމްގެ ވަޔަރިން ބަދަލުކުރުމުގެ އިތުރުން ލައިޓިން ސިސްޓަމްގެ އެހެނިހެން މަރާމާތުތައް ކަންކަން ހިމެނެ އެވެ.

ދަނޑުގެ ލައިޓިން މަރާމާތުކުރުމުގެ މަސައްކަތުގައި ފުރަތަމަ ކުރިއަށްގެންދިޔައީ ލައިޓްތަކަށް ލިބިފައިވާ ގެއްލުންތައް ބަލައި އެކަންތައްތައް ދެނެގަތުމުގެ މަސައްކަތެވެ. އޭގެ ފަހުން މިހާރު ވަނީ ލައިޓްތައް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ފަށާފަ އެވެ.

މިދިޔަ ފަސް އަހަރަށް ބަލާއިރު، ގަލޮޅު ދަނޑުގެ ލައިޓްތަކުގެ މައްސަލަ ޖެހި ފުޓްބޯޅަ ސީޒަންގެ މެޗުތައް ކުރިއަށްގެންދިޔުމަށް ދަތިތައް ދިމާވި އެވެ. އެންމެ ފަހުން މިދިޔަ އޮގަސްޓް މަހު ދަނޑުގެ ލައިޓްތައް ވަރަށް ބޮޑަށް މައްސަލަޖެހި ބޭނުންނުކުރެވޭވަރުވަނީ ވެފަ އެވެ.

އެހެންވެ އެންމެ ފަހުން މިދިޔަ ޑިސެމްބަރު މަހު ބޭއްވި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މެޗުތައްވެސް ކުޅެން ޖެހުނީ ހަވީރު އެވެ. ރޭގަނޑު މެޗުތައް ނުކުޅެވުމުގެ ސަބަބުން މުބާރާތުގެ މެޗުތައް ދޮޅުމަހަށްވުރެ ދިގުލައިގެންދިޔަ އެވެ.

ސިފައިންގެ ވެލްފެއާ ޕްރައިވެޓް ލިމިޓެޑް (ސިވެކް) އިން ކުރަމުން އަންނަ ލައިޓްތައް މަރާމާތުކުރުމުގެ މަސައްކަތް އަންނަ މަހުގެ ކުރީކޮޅު ނިންމާލެވެނޭކަމަށް ބެލެވެ އެވެ.