logo
banner image
ތަޢުލީމީ ވުޒާރާ

ޢަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތް ބިނާކުރުމުގެ މަސައްކަތް ފަށައިފި

އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު ޢިމާރާތް ބިނާކުރުމުގެ މަސައްކަތް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ފައްޓަވައިދެއްވައިފިއެވެ.

ޢަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތް ބިނާކުރަނީ ކުރީގެ ކުނިކޮށި ހުރި ބިން ކަމަށްވާ 381 ނަންބަރު ކޮށީގައެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ.

މި މަޝްރޫޢުއާ ގުޅޭގޮތުން މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ކުރީގެ ޢަރަބިއްޔާ ކޮށިން ޢަރަބިއްޔާގެ ދަރިވަރުން ނުކުތުމަށް ފަހު އެޅުނު ޢިމާރާތް ހަލާކުވެ މިހާރުވެސް ދަރިވަރުން އުޅެމުންދަނީ ވަރަށް އުނދަގޫ މަރުޙަލާއެއްގައި ކަމަށެވެ. އަދި އޭގެ ސަބަބުން ދެވޭ ތަޢުލީމުގެ ފެންވަރަށާއި ސްކޫލުގެ މާޙައުލުގައި ޤާއިމުކުރަންޖެހޭ ވަސީލަތްތަކާއި އަދި ދަރިވަރުންނާއި ޓީޗަރުންނަށް ޤާއިމުކޮށްފައި ހުންނަން ޖެހޭ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި އެ ސްކޫލުގައި ނެތްކަމަށެވެ.

"މިއަދު އެޅިގެން މިދާ 10 ބުރީގެ ޢިމާރާތަކީ ﷲ ގެ ރަޙުމަތުން ފުރިހަމަ ޢިމާރާތަކަށް ވެގެންދާނެ. އިރާދަކުރެއްވިއްޔާ ޢަރަބިއްޔާ ސްކޫލުގެ މި ޢިމާރާތް 2 އަހަރު ދުވަހުގެތެރޭގައި ނިމޭނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަން،" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ޢަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތަކީ، މިހާ ތަނަށް ރާއްޖޭގައި ޤާއިމްކުރެވޭ އެންމެ ފުރިހަމަ ސްކޫލަށް ވެގެންދާނެ ކަމަށެވެ.

މި ޢިމާރާތުގައި 42 ކްލާސްރޫމާއި، ސައިންސް ލެބޯޓަރީތަކާއި، މަލްޓިޕަރޕަސް ހޯލަކާއި، އައުޓްޑޯރ ކުޅިވަރު ކުޅެވޭނެ ޓަރފެއްގެ އިތުރުން އަންޑަގްރައުންޑް ޕާކިންގ ވެސް ހުންނާނެއެވެ.

މި މަޝްރޫޢުއަކީ ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގެ ތެރޭގައި ހިމެނިގެން ކުރިއަށްދާ މަޝްރޫޢެކެވެ.