logo
banner image

ޖަމްއިއްޔާތައް ބާރުވެރި ކުރުމަށް އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމުގައި ދެމިއޮންނާނަން: މިނިސްޓަރ

ޖަމްއިއްޔާތައް ބާރުވެރި ކުރުވުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ޖަމްއިއްޔާތަކުގެ މަހާސިންތާ ފެށުމަށް ގއ. ވިލިނގިލީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޖަމްއިއްޔާތަކުގެ މަހާސިންތާގެ އެންމެ ބޮޑު ބޭނުމަކީ މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި އުނދަގޫތައް ދެނެގަނެ އެކަން ހައްލުކުރުން ކަމަށެވެ.

މިއީ ވަރަށް މުހިންމު ފެށުމެއް ކަމަށާއި މި ފަދަ މަހާސިންތާއެއްގައި ހަގީގީ ނަތީޖާ ނެރެވޭނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކުގެ ހިއްސާ އޮވެގެން ކަން މިނިސްޓަރ ފާހަގަކުރައްވާފައެވެ.

މި މަސައްކަތް ވިލިންގިލީގައި ފެށި ނަމަވެސް މި މަސައްކަތް އުތުރާއި މެދުރާއްޖެ ތެރޭގައި ވެސް އަދި ވަކި ރަށްރަށުގައި ވެސް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ޖަމްއިއްޔާތައް ބާރުވެރި ކުރުވުމަށްޓަކައި ބޭނުންވާ އެހެނިހެން އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމުގައި އެ ވުޒާރާ ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޖަމްއިއްޔާތަކުގެ މަހާސިންތާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މި މަހާސިންތާ އަކީ މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމައުއެއް ބިނާކޮށް ފަހި ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަހާސިންތާއެކެވެ.

މީގެ އިތުރުން ގައުމީ ތަރައްގީއާއި، މުޖުތަމައުގައި (ވަކިވަކި ރަށްރަށުގައި އާއި އަތޮޅު ތެރޭގައި) ހިނގަމުންދާ އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ޖަމްއިއްޔާތަކުގެ ދައުރާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމްއިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމަށް ވެސް މި މަހާސިންތާގައި ވަނީ ރާވާފައެވެ.

މި މަހާސިންތާގެ މަގުސަދުތަކުގެ ތެރޭގައި ގއ. އަތޮޅުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމާއި ޖަމްއިއްޔާތަކުގެ މަސައްކަތާއި ގުޅުން ހުރި ސެކްޓަރ ތަކާއި ދެމެދު ގުޅުން ބަދަހިކުރުމުގެ އިތުރުން އަމާން ވެއްޓެއް ގާއިމް ކުރުމަށް ކުރެވޭ މަސައްކަތުގައި ޖަމްއިއްޔާތަކުގެ ދައުރު އިތުރު ކުރުން އަދި މުޖުތަމައު ބާރުވެރިކުރުވުމަށް ކަމާއި ކުޅޭ މުއައްސަސާ ތަކުން ކުރާ މަސައްކަތުގައި މަދަނީ ޖަމްއިއްޔާތަކުގެ ބައިވެރިވުން އިތުރު ކުރުން ހިމެނެއެވެ.

60 އަށް ވުރެ ގިނަ ބައިވެރިންނާއެކު ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާ އޮންނާނީ 25-27 މޭއި 2024ގައި ގއ. ވިލިނގިލީ ތައުލީމީ މަރުކަޒުގެ ހޯލު ގައެވެ.

މި މަހާސިންތާގައި ޖުމުލަ 6 ފަރާތަކުން ތަފާތު އެކި އެކި މައުލޫއުތަކަށް ސެޝަންތައް ނަގާދިނުމަށް ވަނީ ހަމަޖެހިފައެވެ.