ބައިނަލްއަގްވާމީ މުޖުތަމަޢުތަކުން އިސްރާޢީލުން ފަލަސްތީނުގެ ބިން ހިސާރުކުރުމަށް ފުރުސަތުދީގެން ނުވާނެ: ވަޒީރު ޢަލީ އިޙްސާން
ބައިނަލްއަގްވާމީ މުޖުތަމަޢުތަކުން އިސްރާޢީލުން ފަލަސްތީނުގެ ބިން ހިސާރުކުރުމަށް ފުރުސަތުދީގެން ނުވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ "ގްލޯބަލް ސެކިޔުރިޓީ 2024" ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
މި ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން މުޅި ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކާވެފައިވާކަން ފާހަގަކުރައްވާފައެވެ.
އިސްރާޢީލުން ފަލަސްޠީނަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ދިވެހި ކޮންމެ ރައްޔިތެއްގެ ހިތަށް އަސަރުކުރާ ކަމަށާއި ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވުމާއި ހަމަޖެހުމާއި އަމާންކަމަށް ލޯބި ކުރާ ޤައުމެއް ކަމަށްވުމުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓާނުލައި ހިނދެއްގައި ޣައްޒާގެ ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލުމުގައި ދިވެހިން ދެމިތިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިސްރާޢީލުން ފަލަސްތީނަށް ދެމުންދާ ޙަމަލާތަކަކީ އިންސާނިއްޔަތާ ދެކޮޅު ޢަމަލެއް. އަދި ދުނިޔޭގައި ހަމަޖެހުމާއި އަމާންކަން ގާއިމްކުރުމަށް ކުރާ މަސައްކަތަށް މީގެ ސަބަބުން ހުރަސްއެޅޭ. އަދި ދުނިޔޭގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވެފައިވޭ. - ވަޒީރު ޢަލީ އިޙްސާން
މީގެ އިތުރުން މި ފޯރަމްގައި މިނިސްޓަރ ވަނީ ކަނެކްޓިވިޓީގެ އެއްވެސް ޙައްދެއް ނޭނގޭ ޑިޖިޓަލް ޒަމާނުގައި، ގިނަ ޤައުމުތަކެކޭ އެއްފަދައިން، ރާއްޖެވެސް ސައިބަރ ކްރައިމްގެ ޢާއްމު ނުރައްކަލާ ކުރިމަތިލާކަން ފާހަގަކުރައްވާފައެވެ. އަދި ސައިބަރ ކްރައިމްގެ ސަބަބުން ޕްރައިވެސީ އާއި މާލީ ރައްކާތެރިކަމަށް ނުރައްކާވާ ކަމަށާއި ވިޔަފާރިތަކުގެ ނަޒާހަތްތެރިކަން ގެއްލި ސަރުކާރުގެ މުއައްސަސާތައް ނުރައްކަލާ ކުރިމަތިލާންޖެހޭ ކަމަށްވެސް މިނިސްޓަރގެ ވާހަކައިގައި ވިދާޅުވިއެވެ.
