logo
banner image

"ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގެ ދަށުން 43 ޒުވާނުން ގްރެޖުއޭޓްވެއްޖެ

ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ބޭއްވި މި ރަސްމިއްޔާތުގައި ގްރެޖުއޭޓުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވާމެންޓް، އިންފޮމޭޝަން އެންޑް އާރޓްސް އިބްރާހިމް ވަހީދެވެ.

މިނިސްޓްރީއާއި، މެރިއަޓް އިންޓަނޭޝަނަލްއާއި ގުޅިގެން ހިންގި މި ޕްރޮގްރާމުގައި 43 ޒުވާނުން ގްރެޖުއޭޓްވިއިރު އޭގެ ތެރޭގައި 21 ޒުވާނުންނަށް ވަޒީފާ ވަނީ ޔަގީންވެފައެވެ.

ގްރެޖުއޭޓުވި ދާއިރާތައް:

· ނެޝަނަލް ސެޓްފިކެޓް 3 އިން ފްރޮންޓް އޮފީސް

· ނެޝަނަލް ސެޓްފިކެޓް 3 އިން ހައުސްކީޕިން

· ނެޝަނަލް ސެޓްފިކެޓް 3 އިން ލޯންޑްރީ ސާވިސަސް

· ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމާޝަލް ކުކަރީ

· ނެޝަނަލް ސެޓްފިކެޓް 3 އިން ޕޭސްޓްރީ އެންޑް ބޭކަރީ

· ނެޝަނަލް ސެޓްފިކެޓް 3 އިން ލައިފް ގާޑިން

· ނެޝަނަލް ސެޓްފިކެޓް 3 އިން ބަރިސްޓާ

· ނެޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓެނެންސް

· ފުޑް އެންޑް ބެވަރޭޖް ސާވިސަސް

މި ޕްރޮގްރާމް ހިންގާފައިވަނީ:

· ޝެރަޓަން މޯލްޑިވްސް

· ޖޭ.ޑަބްލިއު މެރިއޮޓް މޯލްޑިވްސް

· ލެ މެރިޑިއަން މޯލްޑިވްސް

· ރިޓްސް ކާލްޓޮން މޯލްޑިވްސް

· އެސްޓީ.ރެޖިސް މޯލްޑިވްސް

· ޑަބްލިއު މޯލްޑިވްސް

· ވެސްޓިން މޯލްޑިވްސް

މި ޕްރޮގްރާމްގައި މޯލްޑިވްސް އިންސްޓިއުޓިއުޓް އޮފް ޓެކްނޮލޮޖީން މުހިންމު ދައުރެއް ވަނީ އަދާކޮށްފައެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށެވެ.

މި ޕްރޮގްރާމްގެ މަގުސަދު ތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުގުވެރިވާ ހުރިހާ އުމުރެއްގެ ދިވެހީންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ގަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މަސައްކަތްތަކާއި ގުޅޭގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިންގް ސްޓެންޑާރޑް ތަކުގައި ހިމަނާފައިވާ ހުރިހާ ކޮމްޕިޓެންސީއެއް ހާސިލްކުރެވިފައިވޭތޯ ބަލައި، ކަށަވަރުކުރުމަށްފަހު، ތަމްރީން ފުރިހަމަކުރި ކަމުގެ ގައުމީ ސަނަދު ދޫކުރުން މި ޕްރޮގްރާމުގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

ހަމައެހެންމެ މަސައްކަތްތެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކޮށް، އެވަޒީފާތައް އަދާކުރުމަށް އިތުބާރާއިއެކު، މަސައްކަތްކުރެވޭނެ ފެންވަރުގެ ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންތަކެއް ވަޒީފާގެ ބާޒާރަށް ނެރުން ވެސް މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއިއެކު އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ހަރަދުބަރަދު ހަމަޖައްސާލެވޭނެ މިންވަރުގެ އާމްދަނީއެއް ހޯދައި، އަބުރުވެރިކަމާއިއެކު ދިރިއުޅެވޭނެމަގު ޒުވާން ދިވެހީންނަށް ފަހިކޮށްދިނުމަކީ ވެސް މިޕްރޮގްރާމުގެ މަގްސަދެކެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިޔަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ހާއްސަ ކުރެވިގެންނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެއެވެ.