ޒުވާނުން ބޭނުންވާ މަސައްކަތް ކުރެވޭނެ އޮފީސް މާހައުލެއް ފަހިކޮށްދޭނަން: ވަޒީރު
ޒުވާނުން ކުރާ މަސައްކަތްތައް ކުރިއެރުވުމަށް އޮފީސް މާހައުލެއް ހޯދަދެއްވާނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، އެ ވުޒާރާއިން ކުރިއަށްގެންދެވި މޯލްޑިވްސް ޔޫތު ހެކަތޯން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ޒުވާނުންގެ ހުރި ހިޔާލުތައް ކުރިއަރުވާ އެކި މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި ސަރުކާރުން އެހީތެރިވެދެއްވާނެ ކަމަށެވެ. އަދި ޒުވާނުން ބޭނުންވާ މަސައްކަތްތަކުގެ ހިޔާލުތައް ގެއްލުވާނުލާ ކުރިއަށް ގެންދިއުމަށްވެސް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
ޒުވާނުންނަށް ދިމާވާ އުނދަގޫތައް ފާހަގަކުރައްވާ ވަޒީރު ވަނީ ޒުވާނުން ބޭނުންވާ މަސައްކަތް ކުރާނެ ތަނެއް ނެތުމުގެ ކަންބޮޑުވުން އޮތްކަން ފާހަގަކުރައްވާފައެވެ. އަދި އެކަން ހައްލުކުރަން މި ސަރުކާރުން ދިވެހި ޒުވާނުންނަށް މަސައްކަތް ކުރެވޭނެ އޮފީސް މާހައުލެއް ފަހިކޮށްދެއްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ޒުވާނުންގެ ހިޔާލާއެކު ހިއްލާލަދޭނެ ވިޔަފާރިވެރިން. ވީހާވެސް ގިނަ ހެކަތޯންތައް ބާއްވާ ޚިޔާލުތައް ހުށައަޅާ ރަނގަޅު ފެންވަރުގެ ޕްރޮޑަކްޓްތައް ނެރެވިދާނެ. ވީވަރަކުން ބަލާނަން އަޅުގަނޑުމެންގެ ސަޕޯޓް ދެވޭތޯ." ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން ރާއްޖެއަށް ބޭނުންތެރި އެހެނިހެން ދާއިރާތަކުން ކުރިއަށްދިއުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން އާ ވިސްނުންތަކާއެކު މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެއްބާރުލުން ދިނުމަށްވެސް އެކަމަނާ އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑު ބުނެލަން ބޭނުންވަނީ ރާއްޖޭގެ ސިއްހީ ދާއިރާއާއި، ތިމާވެށީގެ ދާއިރާއާއި، އިސްރަށްވެހިންގެ މައްސަލަތަކަށްވެސް ބަލާށޭ. އެކިއެކި މައްސަލަތަކަށް ބައްލަވާ ހައްލު ހޯދުމަށް ތި ޒުވާނުންގެ ހިތްވަރާއި އެއްބާރުލުމާއި ވިސްނުން ބޭނުން ކުރަމާ ހިނގާށޭ." މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވިއެވެ.
ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ހެކަތޯންގައި ޖުމްލަ 10 ޓީމެއް ބައިވެރިވެ ހިޔާލު ހުށައަޅާފައިވެއެވެ. މި ހެކަތޯންއަކީ 30 ގަޑި އިރަށް ކުރިއަށް ގެންދިޔަ ހެކަތޯންއެކެވެ. ހެކަތޯން ނިންމުމުގެ ރަސްމިއްޔާތުގައި ހެކަތޯންގެ އެއްވަނަ ހާސިލްކުރި "ފަންނުވެރިންނަށް" ވަނީ 100،000 ރުފިޔާގެ އިނާމެއް ދީފައެވެ. މި އިނާމް ހަވާލުކޮށްދެއްވީ މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. މާރިޔާއެވެ.
މި ހެކަތޯންގައި 3 ދާއިރާއަށް ޕިޗް ކުރުމަށް ހުޅުވާލިއެވެ. އޭގެތެރޭގައި ނަފުސާނީ ދުޅަހެޔޮކަމާއި، ސިއްހަތަށް އަމާޒުކޮށްގެން ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުފެއްދުންތެރި ސޮލިއުޝަންތަކެއް އުފެއްދުމަށާއި، ޑިޖިޓަލް ގާބިލުކަން އިތުރުކޮށް، ވިޔަފާރީގެ ކުރިއެރުމަށް މަގުފަހިކޮށްދޭ އީ-ކޮމާސް ސްޓްރެޓެޖީތައް އެކުލަވާލުން ހިމެނެއެވެ.
