ހެލްތުކެއަރ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދިޔަ ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމް މިއަދު ނިމިއްޖެއެވެ.04 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ޑަބްލިއުއެޗްއޯ، ޔޫއެންޑީޕީ ،ޖަޕާން އަދި ކެނެޑާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.މި ޓްރެއިނިންގ ޕްރޮގްރާމްގައި ޖުމްލަ 56 ބައިވެރިން ބައިވެރިވިއެވެ. އޭގެތެރޭގައި ހިމެނެނީ އަތޮޅު ތެރޭގެ ޞިއްޙީ ޚިދުމަތްދޭ އަތޮޅު ހޮސްޕިޓަލްތަކާއި، ގްރޭޓަރ މާލޭ ރީޖަންގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރައްވާ ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން މިނިސްޓްރީ އޮފް ހެލްތްގެ ގުޅުންހުރި ޑިވިޜަން ޑިޕާރޓްމަންޓްތަކުގެ މުވައްޒަފުންނެވެ.ޓްރެއިނިންގ ދިނުމުގައި ހަރަކާތްތެރިވެފައިވަނީ އިންދިރާ ގާންދީ ނޭޝަނަލް އޯޕަން ޔުނިވަރސިޓީ އަދި ރަމަޔާ މެޑިކަލް ކޮލެޖްގެ ޕްރޮފިޝަނަލުންނެވެ.މި ތަމްރީން ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ، ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނަށް ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި އުފެދޭ ކުނި ނުވަތަ ބަޔޯހަޒާރޑް ނައްތާލުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި އެފަދަ ތަކެތި ނައްތާލުމުގެ ރައްކާތެރިގޮތް އަހުލުވެރިކުރުމާއި، މުޖުތަމަޢުގެ އާންމު ޞިއްޙަތު ރައްކާތެރިކުރުމެވެ.މީގެއިތުރުން މިޕްރޮގްރާމްގައި މި މަސައްކަތުގައި ބޭނުންކުރާ މެޝިނަރީސްތަކުގެ ޓެކްނިކަލް ޓްރެއިނިންގތައް ވެސް ބައިވެރިންނަށް ވަނީ ދެވިފައެވެ.
