logo
banner image

އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ގައުމު ގަބޫލުކުރާ ވަރުގެ ޒުވާނުންތަކެއް އުފެއްދޭނެ: މިނިސްޓަރ

އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ގައުމު ގަބޫލުކުރާ ވަރުގެ ޒުވާނުންތަކެއް އުފެއްދޭނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ، މިނިސްޓްރީން ހިންގާ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، އެޕްރެންޓިސުންގެ ގޮތުގައި ބައިވެރިވާ ޒުވާނުންނަށް ގައުމީ ފެންވަރުގެ ސެޓިފިކޭޝަން ލިބިގަތުމަށް ފުރުސަތު ލިބިގެންދާނެ ކަމަށާއި، މި ޕްރޮގްރާމް ނިމިގެންދާއިރު ރާއްޖޭގައި ގާބިލު ވަރުގަދަ މަސައްކަތްތެރިންތަކެއް އުފައްދާ، އެކުދިންނަށް ކުރިމަގުގެ ބިންގާ އަޅައިދެއްވާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ތަފާތު ދާއިރާތަކުން ކަންކަން ދަރިވަރުންނަށް ދަސްވާނެ ކަމަށެވެ.

އެގޮތުން ފްރަންޓް އޮފީހާއި، ކަލިނަރީ ނުވަތަ ކެއްކުމުގެ ދާއިރާ އަދި ހައުސް ކީޕިން ފަދަ ދާއިރާތަކުން ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދެވަނަ ބެޗުގައި ޖުމްލަ 60 ޒުވާނުން ބައިވެރިވާއިރު، އޭގެ ތެރެއިން 43 ޒުވާނުންނަކީ ސްކޫލަށް ފަހު ކެރިއަރު ފަށާ އެޕްރެންޓިސްތަކެކެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގެ ބައިވެރިން މާރޗް މަހުގެ ތެރޭގައި 43 ޒުވާނުން ގްރެޖުއޭޓުވިއިރު، އެހުރިހާ ޒުވާނުންނަށް ވަޒީފާ ވަނީ ޔަގީންވެފައެވެ.

މި ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުގުވެރިވާ ޒުވާނުންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ގަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މަސައްކަތްތަކާއި ގުޅޭގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިންގް ސްޓެންޑާރޑް ތަކުގައި ހިމަނާފައިވާ ހުރިހާ ކޮމްޕިޓެންސީއެއް ހާސިލްކުރެވިފައިވޭތޯ ބަލައި، ކަށަވަރުކުރުމަށްފަހު، ތަމްރީން ފުރިހަމަކުރި ކަމުގެ ގައުމީ ސަނަދު ދޫކުރުން މި ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ހަމައެހެންމެ މަސައްކަތްތެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކޮށް، އެވަޒީފާތައް އަދާކުރުމަށް އިތުބާރާއިއެކު، މަސައްކަތްކުރެވޭނެ ފެންވަރުގެ ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންތަކެއް ވަޒީފާގެ ބާޒާރަށް ނެރުން ވެސް މި ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއިއެކު އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ޚަރަދުބަރަދު ހަމަޖައްސާލެވޭނެ މިންވަރުގެ އާމްދަނީއެއް ހޯދައި، އަބުރުވެރިކަމާއިއެކު ދިރިއުޅެވޭނެމަގު ޒުވާން ދިވެހީންނަށް ފަހިކޮށްދިނުމަކީ ވެސް މިޕްރޮގްރާމްގެ މަގްސަދެކެވެ.