logo
banner image

ހަފްތާ 14: ކޯޑިންގެ ދާއިރާއިން ޒުވާނުން ކުރިއަށް ދިޔުމަށް ބޭނުންވާ ހުނަރުތައް ތަރައްގީކޮށްދިނުމަށް ޕްރޮގްރާމްތައް ހިންގައިފި

ހަފްތާ 14ގެ މަގުޗާޓުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއަށް މަތިކޮށްފައިވާ ސިޔާސަތު ކަމަށްވާ ކޯޑިންގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިޔަށް ދިއުމަށް ބޭނުންވާ ހުނަރުތައް ތަރައްގީކޮށްދިނުމަށް ޕްރޮގްރާމްތައް ހިންގައިފިއެވެ.

މިގޮތުން ކޯޑިން ދާއިރާއިން ކޯސްތަކެއް ހިންގަމުންދާއިރު ނެޝަނަލް ސެޓްފިކެޓް 3، ނެޝަނަލް އެޑްވާންސް ސެޓްފިކެޓްގެ އިތުރުން ނެޝަނަލް ޑިޕްލޮމާ އަދި ޑިގްރީ ޕްރޮގްރާމަށް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ކޯޑިން ދާއިރާއިން އަންހެނުންނާއި ޒުވާނުން ތަމްރީނުކުރުމަށް "ޔޫތު ހެކް 2024" ގެ ނަމުގައި ހެކަތޯންއެއް ވަނީ ބާއްވާފައެވެ.

މި ހެކަތޯންގައި ޖުމްލަ 10 ޓީމެއް ބައިވެރިވިއިރު އޭގެ ތެރޭގައި އަންހެން ބައިވެރިންގެ ދެ ޓީމަކުން ވަނީ ބައިވެރިވެފައެވެ. އަދި މި ހެކްތޯންގައި ޖުމްލަ 13 އަންހެން ބައިވެރިއަކު ވަނީ ބައިވެރިވެފައެވެ. މި ހެކަތޯން ކުރިއަށް ގެންގޮސްފައިވަނީ ދެ ދުވަހުގެ މުއްދަތަކަށެވެ.

މި ހެކަތޯންއިން އެއްވަނަ އަށް ދިޔައީ "ފަންނުވެރިން"ގެ ޓީމެވެ. މި ޓީމަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައެވެ.

މި ހެކަތޯންގެ ރަނަރަޕް ޓީމަކަށް ހޮވާފައިވަނީ "ހަފްލާ" އެވެ. އަދި ތިން ވަނަ ޓީމަކަށް ހޮވާފައިވަނީ "ޓީމު ބްރައިޓް މައިންޑްސް އެޑިއުކޭޝަން" އެވެ.

މި ހެކަތޯންގައި 3 ދާއިރާއަށް ޕިޗް ކުރުމަށް ހުޅުވާލިއެވެ. އެއީ މެންޓަލް ހެލްތާއި އިނޯވޭޓިވް މާކެޓްޕްލޭސް އަދި ކްރިއޭޓަރ އެކޮނޮމީއެވެ.