logo
banner image

ހަފްތާ 14: ފަންނިއްޔާތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގައުމީ ހަރަކާތްތަކެއް ހިންގައިފި

ހަފްތާ 14ގެ މަގުޗާޓުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއަށް މަތިކޮށްފައިވާ ސިޔާސަތުތަކުގެ ތެރެއިން ފަންނިއްޔާތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގައުމީ ހަރަކާތްތަކެއް ހިންގައިފިއެވެ.

މިގޮތުން ފަންނިއްޔާތުގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ ގައުމީ ޕްރޮގްރާމް ފެށުމުގެ ގޮތުން "ފަންނިއްޔާތު" ވޯކް-އިން ސެޝަންތަކެއް ވަނީ ބާއްވާފައެވެ. މި ސެޝަންގައި ފަންނިއްޔާތުގެ ދާއިރާއިން އަންހެނުންނަށް ކުރިއަށްދިއުމަށް ހުޅުވާލާ ފުރުސަތުތަކާ ގުޅޭގޮތުން ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ.

އަދި ކޯޑިން އާއި، ފަންނިއްޔާތުގެ ދާއިރާއިން 500 ޒުވާނުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ވަކި އިންސައްތައެއް އަންހެނުންނަށް ހާއްސަކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ކޯޑިން ދާއިރާއިން އަންހެނުންނާއި ޒުވާނުން ތަމްރީނުކުރުމަށް "ޔޫތު ހެކް 2024" ގެ ނަމުގައި، މާރޗް މަހުގެ 2 އިން 3 އަށް ހެކަތޯންއެއް ވަނީ ބާއްވާފައެވެ.

ދެ ދުވަހަށް ދެމިގެން ދިޔަ މި ހެކަތޯންގައި ޖުމްލަ 10 ޓީމެއް ބައިވެރިވިއިރު އޭގެ ތެރޭގައި އަންހެން ބައިވެރިންގެ ދެ ޓީމެއް ހިމެނެއެވެ. އަދި މި ހެކަތޯންގައި ޖުމްލަ 13 އަންހެން ބައިވެރިއަކު ވަނީ ބައިވެރިވެފައެވެ.

ހަމައެހެންމެ ޒުވާނުންނަށް އަމާޒުކޮށްގެން ފަންނުގެ ދާއިރާއިން އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުމަށް އަދި އެފަރާތްތަކުގެ ހުނަރު ގިނަ ބަޔަކަށް ދައްކާލުމުގެ ގޮތުން މިނިސްޓްރީން ވަނީ "ފަންނީއުފާ"ގެ ނަމުގައި ހަރަކާތެއް ހިންގާފައެވެ.

މިއީ ސިލްސިލާކޮށް ކޮންމެ މަހަކު އެއް ފަހަރު އޮންނަ ހަރަކާތެކެވެ. މި ހަރަކާތް މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތްތަކުގެ ނަތީޖާއެއްގެ ގޮތުން ފަންނުވެރިކަމުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާވެގެން ދިޔައެވެ.