ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ކުރިއެރުވުމަށްޓަކައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ޚާރިޖީ ވަޒީރު ގޮވާލައްވައިފި
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ކުރިއެރުވުމަށްޓަކައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިއަދު ގޮވާލައްވައިފިއެވެ.
ޚާރިޖީ ވަޒީރު މިގޮތަށް ގޮވައިލެއްވީ، މި ހިނގާ މެއި މަހުގެ 27 އިން 30 އަށް އެންޓީގާ އެންޑް ބާބޫޑާގެ ވެރިރަށް ސެއިންޓް ޖޯންސްގައި ކުރިއަށްދާ ހަތަރު ވަނަ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް4)" ގެ ހަވާސާގައި ބޭއްވި ޕްރައިވެޓް ސެކްޓަރ ރައުންޑްޓޭބަލްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވައި، އެކަމުގެ ސަބަބުން ބަދަލުކުރެވިގެންދާނެ ވަސީލަތްތަކާއި ތަޖުރިބާއިން އަމިއްލަ ވިޔަފާރިތަކަށާއި ސަރުކާރުގެ މަޝްރޫޢުތަކަށް ލިބިގެންދާ ގެއްލުންތައް ކުޑަކުރެވޭނެކަން ފާހަގަކުރައްވާފައެވެ.
އަދި، މިފަދަ ޕާޓްނަރޝިޕްތައް އުފެއްދުމުގެ ސަބަބުން ސިއްހީ، ތައުލީމީ، ދަތުރުފަތުރު، ތިމާވެށި އަދި އެނޫންވެސް ދާއިރާތަކުން ޢާއްމު ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ފަސޭހަވެގެންދާނެކަންވެސް ފާހަގަކުރައްވައިފައެވެ.
މި ރައުންޑް ޓޭބަލްގައި ވާހަކަފުޅު ދައްކަވަމުން، ފޮރިން މިނިސްޓަރގެ އަމިއްލަފުޅު ތަޖުރިބާ އަށް އަލިއަޅުވާލައްވަމުން، ޕްރައިވެޓް ސެކްޓަރގެ އެހީތެރިކަމާއެކު މަސައްކަތްކޮށްފިނަމަ ޤައުމުގެ ކުރިއެރުމަށް ބޮޑު ތަރައްޤީއެއް އަންނާނެކަމަށް ވިދާޅުވިއެވެ.
އެގޮތުން ހަރުދަނާ ސިޔާސަތުތަކާއި އިޤްތިޞާދީ ތަފާތުކުރުންތައް ކުޑަކޮށް، އެކަމަށް މަގުފަހިވާނެފަދަ މާހައުލެއް ޤާއިމުކުރުމަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަރުކާރުތަކަށް ގޮވާލެއްވިއެވެ. މީގެ އިތުރުން، މި ޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި އިންވެސްޓްމަންޓް ހޯދުމަށާއި އުފެއްދުންތެރިކަމާއި ޤާބިލުކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެއްބާރުލުން ދިނުމަށް ގޮވާލައްވާފައިވެއެވެ.
އޮފީސް އޮފް ދަ ހައި ރެޕްރެޒެންޓޭޓިވް ފޮރ ދަ ލީސްޓް ޑިވެލޮޕްޑް ކަންޓްރީޒް، ލޭންޑްލޮކްޑް ޑިވެލޮޕިންގ ކަންޓްރީސް އަދި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (އޯ.އެޗް.އާރް.އެލް.އެލް.އެސް) އިން އިންތިޒާމްކޮށްގެން ބޭއްވި މި ހަރަކާތުގައި ޤައުމުތަކުގެ އިސްވެރިންގެ އިތުރުން ޕްރައިވެޓް ސެކްޓަރގެ ބޭފުޅުންނާއި އަދި މަދަނީ ޖަމިއްޔާތަކުން ސިޑްސްގެ އެންޓިގުއާ އެންޑް ބާބުޑާ އެޖެންޑާ ތަންފީޒުކުރުމުގައި ޕާޓްނަރޝިޕްގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި 25 އިން 26 މެއި ގައި އެންޓީގާ އެންޑް ބާބޫޑާގައި ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024 ގެ އައުޓްކަމް ޑޮކިއުމަންޓްވެސް ހުށަހަޅާފައިވެއެވެ.
