ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމުގެ ވަޢުދު ހާސިލްވުމާ ގުޅިގެން، އެކަމާ ބެހޭ މަޢުލޫމާތު ދިނުމަށް ޕްރެސް ކޮންފަރެންސެއް ބާއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމުގެ ވަޢުދު ހާސިލްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ބައިވެރިވެވަޑައިގެން މަޢުލޫމާތު ދެއްވައިފިއެވެ.
ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މި ޕްރެސް ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް ވެވަޑައިގެން އެންމެ މުހިންމު ވަޢުދު، އަމާންކަމާއި އޮމާންކަމާއެކު، ޑިޕްލޮމަސީގެ ރިވެތި އުސޫލުގެ ތެރެއިން، މި ވަޢުދު ފުއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް ދެންނެވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެ ވެވަޑައިގެންނެވި ގޮތަށް، ދިވެހިރާއްޖޭގައި ޤާއިމްވެ ތިބި އިންޑިއާ ސިފައިން މިހާރު ފައިބައިގެން ގޮސްފައިވާކަމުގެ ޔަޤީންކަން ދިފާޢީ ވަޒީރު ދެއްވިއެވެ.
ދިފާޢީ ވަޒީރުގެ އިތުރުން، ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި، އެމްބެސެޑަރ އެޓް ލާޖް ޢަލީ ނަޞީރު މުޙައްމަދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވެސް މި ޕްރެސް ކޮންފަރެންސްގައި މީޑިއާއަށް މަޢުލޫމާތު ދެއްވިއެވެ.
