މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ޙައްލު ކުރުމުގެ މަޝްރޫޢު، ދިފާޢީ ވަޒީރު ޢަމަލީގޮތުން ފައްޓަވައި ދެއްވައިފި
މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ޙައްލު ކުރުމުގެ މަޝްރޫޢު، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ޢަމަލީގޮތުން ފައްޓަވައި ދެއްވައިފިއެވެ.
މި މަޝްރޫޢަކީ، ވިއްސާރަވެ މާލޭގައި ފެންބޮޑުވެ، މާލޭގެ ޢާއިލާތަކަށް ދިމާވާ ތަކުލީފުތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ އަމުރުފުޅަށް، ދިވެހި އަސްކަރިއްޔާގެ އިންޖިނިއަރުންނާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ޓެކްނިކަލް ބޭފުޅުން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާއެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ފަރުމާ ކުރެވި، ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ބަޖެޓެއް ކަނޑައަޅުއްވައި ދެއްވަވައިގެން ތަންފީޒު ކުރެވޭ މަޝްރޫޢުއެކެވެ.
މި ރަސްމިއްޔާތުގައި، ދިފާޢީ ވަޒީރުގެ އިތުރުން، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ،
ޑރ. ޢަބްދުﷲ މުއްޠަލިބާއި، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ޢުމަރާއި، އާރް.ޑީ.ސީ.ގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ޢަލީ ޒުހައިރު އަދި މި މުޢައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
