logo
banner image
ދިފާޢީ ވުޒާރާ

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއަށް މަޤާމުގެ ކުރިއެރުން ދެއްވައި، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ.މުޙައްމަދު މުޢިއްޒު، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ، މޭޖަރ ޖެނެރަލްގެ ރޭންކަށް ޕްރޮމޯޓްކުރައްވައި، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ޢައްޔަން ކުރައްވައިފިއެވެ.

ވަކިވަކިން މިއަދު ބޭއްވި ދެ ރަސްމިއްޔާތުގެ ތެރެއިން، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީއަށް މޭޖަރ ޖެނެރަލްގެ ރޭންކު ހަވާލުކުރެއްވުމަށް ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، ރޭންކު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަދި، ރޭންކު ހަވާލުކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއެވެ.

މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް އައްޔަން ކުރައްވައި، އެކަމުގެ ލިޔުން ޙަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އައްޔަން ކުރެއްވިއިރު، 2023 ޑިސެންބަރު 13 ވަނަ ދުވަހުން ފެށިގެން މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައެވެ.

މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1988 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުއެވެ. މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ 35 އަހަރަށްވުރެ ދިގު އިޚްލާޞްތެރި އަސްކަރީ ޚިދުމަތުގައި މިހާތަނަށް ވަނީ އެމް.އެން.ޑީ.އެފް.ގެ އެތަކެއް މަޤާމެއް ފުރުއްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އައްޔަން ކުރައްވާފައި ވަނީ، އެ މަޤާމުގައި ކުރިން ހުންނެވި ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، 39 އަހަރުގެ އިޚްލާޞްތެރި ޚިދުމަތަށްފަހު، އުމުރުފުޅުން 60 އަހަރު ފުރުމާއެކު ސިފައިންގެ ޤާނޫނުގައިވާގޮތުގެމަތިން ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމުންނެވެ.