logo
banner image
ދިފާޢީ ވުޒާރާ

އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފުކުރައްވައިފި

އެމްއެންޑީއެފް އެއަރ ކޯރ އިފުތިތާހުކޮށްދެއްވައި، އަންމޭންޑް އޭރިޔަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފުކުރައްވައިފިއެވެ.

ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރުގައި ބޭނުންކުރުމަށް ތަޢާރަފު ކުރެވުނު އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ގެ ޚިދުމަތަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގެން ތުރުކީވިލާތަށް ފުރަތަމަ ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ފެއްޓެވި މަސައްކަތްޕުޅުގެ ދަށުން، އެމްއެންޑީއެފްގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ހޯއްދެވި ވަސީލަތެކެވެ.

އެމްއެންޑީއެފް އެއަރ ކޯރ އިފުތިތާހުކޮށްދެއްވައި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފުކުރެއްވުމަށް ބޭއްވި ރޭގެ ރަސްމިއްޔާތަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ވަޑައިގެންނެވުމުން އެ މަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ. އަދި، އެމްއެންޑީއެފުން ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަން ފެށްޓެވުމުގެ ޤަރާރުގައި ސިފައިންގެ އެންމެ މަތީ ވެރިޔާ ސޮއިކޮށްދެއްވުން އޮތެވެ. އެއަށްފަހު، ޔޫއޭވީއާއި އެއަރ ސަރވެއިލަންސް ކެޕޭސިޓީ ހޯއްދަވައިދެއްވުމުގެ ޝަރަފުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ހަތްބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ.

މި ރަސްމިއްޔާތުގައި، އެމްއެންޑީއެފް އެއަރ ކޯރގެ ޚިދުމަތަށް އަލަށް ލޯންޗުކުރި ޔޫއޭވީއެއް ވަނީ އުދުއްސާލާފައެވެ. އަދި، ޔޫއޭވީ ޓެކްސީކުރާ ތަނާއި، ޓޭކްއޮފް ކުރާ މަންޒަރު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ބައްލަވާލެއްވިއެވެ.

އަންމޭންޑް އޭރިޔަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފުކުރައްވާފައިވަނީ، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ރޭ ބޭއްވި އެމްއެންޑީއެފް އެއަރ ކޯރ އިފުތިތާހުކޮށްދެއްވައި، އަންމޭންޑް އޭރިޔަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފުކުރެއްވުމުގެ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ،

ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ އިރުޝާދާއި ލަފާފުޅާއެކު ދިފާޢީ ވުޒާރާއިން، ދިވެހިރާއްޖޭގެ ތާރީޚްގައި މުޅިން އަލަށް ވައިގެ ބާރެއް އުފައްދަވައި، އެ ބާރުގައި ޔޫއޭވީ ބޭނުން ކުރަން ފެށުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތު ޙިމާޔަތްކޮށް ދިފާޢުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ އަދި އެހާމެ މުހިންމު ފިޔަވަޅެކެވެ. އަދި ދިވެހި އަސްކަރިއްޔާއިން ޔޫއޭވީ ބޭނުންކޮށްގެން އަމިއްލައަށް ސައުވީސްގަޑިއިރު ރާއްޖޭގެ ސަރަޙައްދު މޮނިޓަރކޮށް ބެލެހެއްޓުމުގެ މި އަގުހުރި ޤައުމީ މަސައްކަތް ވެގެންދާނީ ޤައުމީ ސަލާމަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކަށަވަރުކަމަކަށެވެ. މި ޚިދުމަތުގެ ސަބަބުން، ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ޤާނޫނާއި ޚިލާފު ކުށްތައް އަމަލުތައް ހުއްޓުމަށް ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

ރޭގެ ރަސްމިއްޔާތުގައި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، ދަޢުލަތުގެ ޢިއްޒަތްތެރިންގެ އިތުރުން އެމްއެންޑީއެފް ޖެނެރަލް އޮފިސަރުންނާއި، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާފައިވާ އިސް ބޭކަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.