ކުނި މެނޭޖުކުރުމުގެ ގައުމީ ޕްރޮގްރާމް "މަގޭ ސާފު ރާއްޖެ" އިފުތިތާހުކޮށްފި
ރަށްރަށުގެ ކުނި މެނޭޖުކުރުމުގެ ގައުމީ ޕްރޮގްރާމް "މަގޭ ސާފު ރާއްޖެ" މިއަދު އިފުތިތާހުކޮށްފި އެވެ.
މި ޕްރޮގްރާމް އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މިކަމަށްޓަކައި މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ތިމާވެށްޓާ ރަށްޓެހި އަދި ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި، އަމިއްލަ ފަރުދުން ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.
"މަގޭ ސާފު ރާއްޖެ" ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ކުނި މެނޭޖްކުރުމުގެ ފުރިހަމަ ނިޒާމުތަކެއް ގާއިމުކުރުމެވެ. މީގެ އިތުރުން ރަށުން ބޭރުކުރަން ޖެހޭ ކުނި ގެންގޮސް ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ނައްތާލެވޭނެ ސަރަހައްދީ މަރުކަޒުތަކެއް ތަރައްގީކުރުމާއި ސަރަހައްދީ މަރުކަޒުތަކާއި ރަށްތަކާ ދެމެދު ކުނި ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުންވެސް މި ޕްރޮގުރާމުގައި ހިމެނެ އެވެ.
މި ޕްރޮގްރާމުގައި އާންމުން ބައިވެރި ކުރުމާއި ބެހޭ ގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު، ޠާރިޤް އިބްރާހިމް އަލިއަޅުއްވާލެއްވިއެވެ. "މިއަދަކީ ރަށު، އަތޮޅު އަދި ގައުމީ ފެންވަރުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި އާންމު ރައްޔިތުންނާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމަށް ދައުވަތުދީ، އިންކްލޫސިވް އިނިޝިއޭޓިވްއެއްގެ ގޮތުގައި ފެށިގެން ދިޔަ ވަރަށް ފުރިހަމަ ޕްރޮގްރާމެއް" ވަޒީރު ވިދާޅުވި އެވެ.
އޭގެ އިތުރުން ރަށު ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ކުނި ރައްކާތެރި ގޮތެއްގައި މެނޭޖުކުރުމަށް ތަމްރީން ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގުން ވެސް މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުގެ ފަރާތުން ހަދިޔާކުރާ ކުނި ނެގުމަށް ހާއްސަ 48 އުޅަނދު ވެސް ވަނީ ހަވާލުކޮށްފަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެވަޑައިގަތީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.
