logo
banner image

ރާއްޖޭގެ ހަކަތައިގެ މަގުޗާޓު މުރާޖަޢާކުރަން ފަށައިފި

އޭޝިއަން ޑިވޮލޮޕްމެންޓް ބޭންކުގެ އެހީގައި މޫސުމީީ ބަދަލުތަކާއި ތިމާވެށްޓާއިި ހަކަތައާ ބެހޭ ވުޒާރާއިން ރާއްޖޭގައި ސާފުހަކަތަ ބޭނުންކުރުން އިތުރުކުރުމުގެ ސިޔާސަތުގެ ތެރެއިން ހަކަތައިގެ މަގުޗާޓު މުރާޖަޢާކުރުމުގެ މަސައްކަތް މިއަދު ފައްޓަވައިފިއެވެ. މި މަސައްކަތް ފެށުނީ މިއަދު ހެނދުނު މިކަމަށްޓަކައި ޚާއްސަކޮށްގެން ބޭއްވި މަސައްކަތު ބައްދަލުވުމުގެ ތެރެއިންނެވެ.

ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު 2028ގެ ނިޔަލަށް %4 އިން %33 އަށް އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި ވަޢުދާއި އެއްގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށްޓަކައި އޭޝިއަން ޑިވޮލޮޕްމެންޓް ބޭންކުގެ އެހީގައި 2020 ވަނަ އަހަރު ފުރަތަމަ ޝާއިއުކުރި ހަކަތައިގެ މަގުޗާޓު އަލުން މުރާޖާކުރުމުގެ މަސައްކަތް މި ވޯކްޝޮޕްގެ ތެރެއިން ކުރިއަށްދާނެއެވެ.

ވޯކްޝޮޕް އިފްތިތާޙް ކުރުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސުމީީ ބަދަލުތަކާއި ތިމާވެށްޓާއިި ހަކަތައާ ބެހޭ ވަޒީރު އޮނަރަބަލް ޠާރިޤްް އިބްރާހިމް ވިދާޅުވީ ހަކަތައިގެ މަގުޗާޓުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް މުހިއްމު ބަދަލުތަކެއް ގެނެސްދީ ދާއިރާގެ އިޤްތިސާދީ ހަރަކާތްތަށް ފުޅާކުރުމަށް އެހިތެރިވެދޭނެކަމަށެވެ.

ވަޒީރު ޠާރިޤް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް އެހީދޭ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކުންނާއި މާލީ އިދާރާތަކުން ލޯނާއި އަދި ހިލޭ އެހީތައް ހޯދައިދިނުމުގައި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުން ކުރަނީ ތަޢުރީފް ހައްގު މަސައްކަތްތަކެކެވެ. އެގޮތުން އޭޑީބީން ސޮވަރިން އިންވެސްޓްމަންޓްގެ ގޮތުގައި ޖުމްލަ 75.5 މިލިއަން ޑޮލަރު މޮބިލައިޒް ކުރިއިރު، އޭގެ ތެރެއިން 57 މިލިއަން ޑޮލަރަކީ ހިލޭއެހީއެވެ. އަދި ބާކީ 18.5 މިލިއަން ޑޮލަރު ހޯދީ ލުއި ލޯނުތަކުންނެވެ.

މިހަފްލާގައި އޭޑީބީން ވަނީ ހަކަތައިގެ ދާއިރާއަށް ޚާއްސަކޮށްގެން އެކްސެލަރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމެންޓް ޔޫސިންގ ރިނިއުވަބަލް އެނާރޖީ – އެޝުއަރ ޕްރޮޖެކްޓް އިފްތިތާޙްކޮށްދެއްވާފައެވެ. މި ޕްރޮޖެކްޓް އިފްތިތާހްކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއިި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް އާއި އޭޑީބީގެ އެނާރޖީ ޑިރެކްޓަރ ޑރ. ސުޖާތާ ގުޕްތާއެވެ.

މިއަދު ގެ ވޯކްޝޮޕްގައި އޭޑީބީގެ ކަމާބެހޭ ތަޖްރިބާކާރުންވަނީ ސާފު ހަކަތައަށް ބަދަލުވުމުގެ އަމާޒުތަކާއި ގޮންޖެހުންތަކާއި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓްތައް ސޯލާރައިޒް ކުރުމާއި، އިންކްލޫސިވިޓީއާއި އިޖުތިމާއީ ފައިދާ ކުރިއެރުވުމުގެ އިސްތިރާޖްތައް ފަދަ މައުޟޫއުތަކަށް ވާހަކަދައްކަވާފައެވެ. އަދި ޕެރެލަލް ޑިސްކަޝަންތަކުގައި އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޮޑުކުރުމަށް ފުރުސަތުތައް ހޯދައިދިނުމާއި، ގައުމީ އަމާޒުތައް ހާސިލްކުރުމަށް ޔުޓިލިޓީ ސްޓްރެޓެޖީތަކާއި، އަދި ހަކަތައިގެ ޚިދުމަތް ދިނުމުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ހޯދޭނެ މަގުތައް ހޯދުމާއި ގުޅޭގޮތުންވެސް ވޯކްޝޮޕްގެ ބައިވެރިންގެ މެދުގައި ވާހަކަދެކެވުނެވެ. މީގެ އިތުރުން ވޯކް ޝޮޕްގެ ޕެނަލް ޑިސްކަޝަނެއްގައި ހަކަތައާބެހޭ މަގުސަދުތައް ހާސިލްކުރުމަށް ހަކަތައިގެ ދާއިރާ ކުރިއެރުވުމަށްޓަކައި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އަލިއަޅުވާލާފައިވެ އެވެ.