ގްލޯބަލް ކޫލިން ޕްލެޖްގައި ރާއްޖެއިން ސޮއިކޮށްފި
ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ 28ވަނަ ބައްދަލުވުމުގައި (ކޮޕް28)، އެކުވެރި އަރަބި އިމާރާތާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އަދި ކޫލް ކޯލިޝަން އިން އެކުލަވާލައިފައިވާ "ގްލޯބަލް ކޫލިން ޕްލެޖް" ގައި ދިވެހިރާއްޖެ އިން ސޮއިކޮށްފިއެވެ.
ގްލޯބަލް ކޫލިން ޕްލެޖް އަކީ ތިމާވެށްޓާއި ރައްޓެހިގޮތުގައި ހަކަތަބޭނުންކުރުން އިތުރުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ބޭނުންކޮށްގެން ފިނިކުރުމާއި މިދާއިރާގެ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރުމަށް ސޮއިކުރެވުނު ޕްލެޖްއެކެވެ.
2023 ގެ ޑިސެންބަރު މަހުގެ 5 ވަނަ ދުވަހު މި ޕްލެޖް ލޯންޗުކުރުމަށް ބޭއްވި ހަފްލާގެ ޕެނަލްއެއްގައި ބައިވެރިވެ ވާހަކަފުޅުދައްކަވަމުން، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު، އޮނަރަބަލް ޠާރިޤް އިބްރާހިމް ވިދާޅުވެފައިވަނީ، ދިވެހިރާއްޖެ އަކީ ހޫނު ޤައުމެއްކަމަށާއި މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކާއި ގުޅިގެން ކުރިމަތިވާ ހޫނުން އަރައިގަތުމަށް ފިނިކުރާ ނިޒާމްތައް ބޭނުންކުރާ މިންވަރު ރާއްޖޭގައި އިތުރުވެފައިވާކަމަށެވެ. ދިވެހިރާއްޖޭގެ ޖީ.ޑީ.ޕީގެގެ 13 އިންސައްތަ ޚަރަދުކުރެވިގެންދަނީ ތެޔޮ އެތެރެކުރުމަށް ކަމަށާއި އަދި އޭގެން ބޮޑުބައެއް ހޭދަކުރެވެނީ ކަރަންޓު އުފެއްދުމަށް ކަމަށާއި، މިފަދަ ހާލަތެއްގައި ޤައުމު އޮތް އިރު، މިފަދަ ޕްލެޖަކުން ދިވެހިރާއްޖެއަށް ފައިދާވާނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މޫސުމީ ބަދަލަށް ހޭނުމަށް، ކުދި ޖަޒީރާ ޤައުމުތަކަށް އެހެން ޤައުމުތަކުން އެހީތެރިވާން ޖެހޭކަން ފާހަގަކޮށް މި ޕްލެޖްގައި އިތުރު ޤައުމުތަކުން ބައިވެރިވުމަށް ވަޒީރު ގޮވާލެއްވިއެވެ. މި ޙަފްލާގައި ޔުނެޕްގެ އެކްޒެކްޓިވް ސެކްރެޓަރީ އިންގަރ އެންޑަރސަން، ކޮޕް ޕްރެސިޑެންޑް ޑރ. ސުލްތާން އަލް ޖަބަރު، އަދި އެމެރިކާގެ ޕްރެސިޑެންޝަލް އެންވޯއީ ފޮރ ކްލައިމެޓް ޖޯން ކެރީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
