logo
banner image

ކޯލިޝަން އޮފް އެޓޯލް ނޭޝަންސް އޮން ކްލައިމެޓް ޗޭންޖް (ކޭންސީސީ) ގެ ރިއާސަތާއި ދިވެހިރާއްޖެއިން ހަވާލުވެއްޖެ

ކޯލިޝަން އޮފް އެޓޯލް ނޭޝަންސް އޮން ކްލައިމެޓް ޗޭންޖް (ކޭންސީސީ)ގެ ރިޔާސަތާ ރާއްޖެއިން ހަވާލުވެއްޖެ އެވެ.

އެކުވެރި ޢަރަބި އިމާރާތުގެ ދުބާއީގައި ހިނގަމުންދާ އ.ދ. ގެ މޫސުމަށް އަންނަބަދަލުތަކާބެހޭ މުޢާހަދާގެ 28 ބަނަ ބައްދަލުވުން ނުވަތަ ކޮޕް28 ގެ ހަވާސާގައި، 5 ޑިސެމްބަރު ވީ އަންގާރަ ދުވަހު  ބޭއްވުނު ކޭންސީސީ ގެ ބައްދަލުވުމުގައި، ރާއްޖޭގެ ފަރާތުން ރިޔާސަތާއި ޙަވާލުވެ ވަޑައިގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު، އޮނަރަބަލް ޠާރިޤް އިބްރާހީމެވެ.

ކޭންސީސީ އަކީ އަތޮޅުތަކުގެ މައްޗަށް އެކުލެވޭ 5 ޤައުމުކަމުގައިވާ ދިވެހިރާއްޖެ، މާޝަލް އައިލެންޑްސް، ކިރިބާސް، ޓުވާލޫ އަދި ޓޮކެލާއޫ  ގުޅިގެން އުފައްދާފައިވާ ކޯލިޝަނެކެވެ. މިޖަމާޢަތުގެ މައިގަނޑު މަޤްސަދަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ގިނަ އެއްގޮތް ކަންކަންއެކުލެވޭ، ކުދި އަދި ބިންތިރި ޖަޒީރާ އަތޮޅު ތަކުގެ މައްޗަށް އެކުލެވޭ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކޮށް މިފަދަ ޤައުމުތަކުގެ ޚާއްސަ ނާޒުކުކަމާއި ގުޅޭގޮތުން ވަކާލާތު ކުރުމެވެ.

ކޭންސީސީގެ ރިޔާސަތާއި ޙަވާލުވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤް އިބްރާހީމް ވަނީ އަތޮޅު ޤައުމުތައް ޖިއޮގްރަފީގެ ގޮތުންނާއި އުފެދިފައިވާ ގޮތުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކަށް ވަކިން ޚާއްސަކޮށް މިފަދަ ޤައުމުތަކަށް ދިމާވެފައިވާ ނާޒުކު ތިމާވެށީގެ މަައްސަލަތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، ލިބޭ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރުމަށާއި، އަދި މިކަމުގެ ސަބަބުން ލިބޭ އިއާދަ ނުކުރެވޭ ގެއްލުންތައް ފޫބެއްދުމަށް އެޅިދާނެ ފިޔަވަޅުތަކާއި، މިމަސައްކަތަށް ކުރެވިފައިވާ ރަނގަޅު ތަޖްރިބާތައް ޙިއްސާ ކުރުމުގެ މުހިންމުކަމާއިި  ގުޅޭގޮތުން ވާހަކަފުޅު ދައްކަވާ، އަތޮޅު ޤައުމުތައް ގުޅިގެން އެއްބައިވަންތަކާމާއެކު މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައިވެއެވެ.