އިންސާފް ޤާއިމުކޮށްދިނުމަކީ ދައުލަތުގެ އެއްމެ މުހިއްމު އެއް ވާޖިބު: މިނިސްޓަރ ޢިޙްސާން
ކުށް ކުރުން މަދުކޮށް ކުށަށް އަރައިގަންނަ މީހުންގެ މައްސަލަ އަވަހަށް ތަހުޤީގުކޮށް ރައްޔިތުންނަށް އިންސާފް ޤާއިމުކޮށްދިނުމަކީ ދައުލަތުގެ އެއްމެ މުހިއްމު އެއް ވާޖިބު ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ ޢިޙްސާން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ 36ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދިވެހި ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އަމާން މާހައުލެއް ހޯދައި ދިނުމަކީ އަދުގެ ސަރުކާރުގެ އެއްމެ މުހިއްމު އެއް އަމާޒު ކަމަށާއި ކުށް ކުރުން މަދުކޮށް ކުށަށް އަރައިގަންނަ މީހުންގެ މައްސަލަ އަވަހަށް ތަހުޤީގުކޮށް ރައްޔިތުންނަށް އިންސާފް ޤާއިމުކޮށްދިނުމަކީ ދައުލަތުގެ އެއްމެ މުހިއްމު އެއް ވާޖިބު ކަމަށެވެ.
އަދި މިކަންކަން މިގޮތަށް ކުރުމަށްޓަކައި އެއްމެ މުހިއްމު ދައުރެއް އަދާކުރައްވަންވާނީ ދިވެހި ފުލުހުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުން މިއަދު ދިވެހި ފުލުހުންގެ ފަރާތުން އެދޭ ގިނަކަންކަން އެބަހުރި. ކުރާ ފޮނި އުއްމީދުތަކެއް އެބަހުރި. ރާއްޖެއަކީ މަސްތުވާތަތެތިން އެއްކޮށް ސަލާމަތްވެފައިވާ މުޖުތަމަޢުއަކަށް ހެދުމާއި، ދިވެހި ރާއްޖެއަކީ ގޭންގު ހަދައިގެ ކުށްކުރަމުންދާ ވެށްޓެއްގޮތަށް އޮތް އޮތުން ބަދަލުކުރުމާއި ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބޭރުމީހުންގެ ކަންކަން ޤާނޫނީ އިމަށް ގެނައުމަށް އެހީތެރިވުމަކީ މީގެތެރެއިން އެއްމެ މުހިއްމު ކަންކަން. މިރޭ ތަމްރީނު ފުރިހަމަކޮށް ފުލުހުންގެ ސަފުތަކާއި ގުޅޭ ކުދިންގެ ފަރާތުން އަޅުގަނޑު އެދެނީ މި ދެންނެވި ކަންކަން ކާމިޔާބު ކުރުމަށް ތި ކުދިންގެ ވެރިންގެ އިރުޝާދާއި އެއްގޮތަށް ގަދައަޅައި މަސައްކަތްކޮށްދިނުމަށް." ދާޚިލީ ވަޒީރު ޢަލީ ޢިޙްސާން
މިނިސްޓަރ ވިދާޅުވީ މި ކަންކަން ވިޔަ ނުދިނުމަށް ދައުލަތުގެ އެތެރެއިންނާއި ބޭރުން އަދި މިކަންކަން ކުރުމުގައި ޝާމިލުވާ މީހުންގެ ފަރާތުން ރިޝްވަތު ހުށެހެޅުމާއި، އިންޒާރުދީ ބިރު ދެއްކުމާއި ފުރައްސާރަ ކޮށް ތިކުދިންގެ މަސައްކަތަށް ހުރަސް އެޅުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ތަމްރީނުގެ ބޭނުމަކީ އަދި ފުލުހުންގެ އަޒުމުގެ މަތީގައި ނުގުޑާ ތިބުމަކީ އަދި ކުރާ ހުވަޔާއި އެއްގޮތަށް އަމަލު ކުރުމަކީ މިފަދަ ހުރަސްތަކުގެ ތެރެއިންވެސް މަޤްސަދުތައް ހާސިލުކުރުންކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ޤައުމެއްގެ އިޤްތިސާދީ ތަރައްޤީ އާއި ކުރިއެރުމަށް އެއްމެ މުހިއްމު އެއްކަމަކީ އެ ޤައުމެއްގައި އޮންނަ ހަމަޖެހުމާއި އަމަން އަމާންކަން އަދި ސުލްހަވެރިކަމާއި އަދުލު އިންސާފުކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މިކަންކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކައި ހަރުދަނާ ފުލުހުންގެ ޚިދުމަތެއް ޤާއިމުވެ އޮތުމަކީ ވަރަށް މުހިއްމުކަމެއް ކަމަށްވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ އިންވެސްޓަރުންގެ ކޮންފިޑެންސް އިތުރުކުރުމާއި ޤައުމަށް އަންނަ ފަތުރުވެރިން އިތުރުވުމަށްޓަކައި ފުލުހުންގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތައް އޭގެ އެއްމެ މަތީ ފަންތީގައި ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފާހަގަކުރައްވާފައެވެ.
އަދި ޚިދުމަތް ދިނުމުގައި އިންސާނީ ކަރާމާތް އިސްކޮށް ދިވެހިރައްޔިތުންނާއި ވީހާވެސް ގާތުން އޯގާތެރިކަމާއި އެކު ޚިދުމަތް ދިނުމަކީ ފުލުހުންގެ އަމާޒަކަށް ވާންވާނެ ކަމަށާއި މިކަންކަން ކަށަވަރުކުރުމަށްޓަކައި އަދުގެ ކަމިޝަނަރ އޮފް ޕޮލިސް އަދި އެއްމެހާ ފުލުހުން ކުރަމުންދާ ބުރަ މަސައްކަތް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
