އ.ދ. ގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަށް ދިވެހިރާއްޖެއިން އަނެއްކާވެސް ގޮވާލައިފި
އދ.ގެ ފުރިހަމަ މެންބަރު ޤައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ދިވެހިރާއްޖެއިން އަނެއްކާވެސް ގޮވާލައިފިއެވެ.
ދިވެހިރާއްޖެއިން މިހެން ގޮވާލާފައިވަނީ އދ.ގެ އާންމު މަޖިލީހުން މިދިޔަ ހުކުރު ދުވަހު "އެޑްމިޝަން އޮފް ނިއު މެމްބާ ސްޓޭޓްސް ޓު ދަ ޔުނައިޓެޑް ނޭޝަންސް" ގެ ނަމުގައި ފާސްކޮށްފައިވާ ޤަރާރާށް ނިސްބަތްކޮށް، އ.ދ. ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައެވެ.
މިބައްދަލުވުމުގައި ދިވެހިރާއްޖެއިން ވަނީ އާންމު މަޖިލީހުން ފާސްކުރި ޤަރާރަށް މެންބަރު ޤައުމުތަކުން ލިބުނު ތާޢީދަކީ ސަލާމަތީ މަޖިލީހަށް ފޮނުވުނު ވަރުގަދަ މެސެޖެއް ގެ ގޮތުގައި ސިފަކޮށްފައެވެ.
އަދި ދިވެހިރާއްޖެއިން ވަނީ ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލާންޖެހިފައިވާ ހިތްދަތިކަމާއި ތަހައްމަލުކުރަމުންދާ އަނިޔާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުއެޅުމަށާއި، އިސްރާއީލުން ކުރަމުންދާ ނޭދެވޭ ޢަމަލުތަކަށް އެޤައުމު ޖަވާބުދާރީކުރުމަށް އ.ދ. ގެ މެމްބަރު ޤައުމުތަކަށް ގޮވާލާފައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ގެނައުމަށް އޮތް ހަމައެކަނި ގޮތަކީ، 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުން ކަމަށްވެސް ދިވެހިރާއްޖޭގެ ބަޔާނުގައި ތަކުރާރުކޮށްފައިވެއެވެ.
