އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނެރުނު އަމުރަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން މިހާރު ދެމުންދާ ހަމަލާތައް ހުއްޓުވައި، އިންސާނީ އެހީ އަށް ހުޅުވާލުމަށް އެދި ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހެޅި މައްސަލާގައި އައިސީޖޭއިން ނެރުނު އަމުރަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.
އައިސީޖޭން މިއަދު ވަނީ ރަފަހްގައި އިޒްރޭލުން ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަން ވަގުތުން ހުއްޓާލައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދު ހުޅުވާލުމަށް ވަނީ އިޒްރޭލުގެ މައްޗަށް އަމުރުކޮށްފައެވެ.
އަދި ނަސްލު ނައްތާލުމުގެ ތުހުމަތުތައް ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޝަނެއް ނުވަތަ ހަގީގަތް ހޯދުމުގެ މިޝަނަކަށް ހުރަހެއް ނެތި ޣައްޒާއަށް ވަދެވޭނެ ގޮތް ކަށަވަރު ކުރުމަށް ވެސް އެ ކޯޓުން ވަނީ އިޒްރޭލުގެ މައްޗަށް އަމުރުކޮށްފައެވެ.
އިޒްރޭލުގެ ދިފާއީ ބާރުތަކުން ރަފަހްއަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކުރަމެވެ. އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާއި ގާނޫނުތަކާއި އައިސީޖޭއިން ނެރުނު އަމުރަށް ތަބާވުމަށް އިޒްރޭލަށް ގޮވާލަމެވެ.
އަދި ދިވެހި ސަރުކާރުން އަދިވެސް ގޮވާލަނީ 1967ގެ ކުރިން ގާއިމުވެފައިވާ ބޯޑަރުތަކަށް ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައެޅުމަށެވެ.
