logo
banner image

ރާއްޖޭގައި މަތީތަޢުލީމް ހާސިލްކުރާ އާބާދީގެ 2 އިންސައްތައަކީ ރާއްޖެއިން ބޭރުން އަންނަ ދަރިވަރުންނަށް ހެދުން : މިނިސްޓަރ މާރިޔާ

މި ހިނގާ ފަސް އަހަރު ނިމޭއިރު ރާއްޖޭގައި މަތީތައުލީމް ހާސިލްކުރާ އާބާދީގެ 2 އިންސައްތައަކީ ރާއްޖެއިން ބޭރުން، ރާއްޖެއަށް މަތީތައުލީމް ހާސިލްކުރުމަށް އަންނަ ދަރިވަރުންނަށް ހެނދުމަކީ މި ސަރުކާރުގެ ތަސައްވަރެއްކަމަށް މަތީޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއިބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެންވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިނަށް މައުލޫމާތު ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމްކޮށްގެން މަހަކު އެއްފަހަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ސިލްސިލާގައި އެކަމަނާގެ މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެކަމަނާ ވިދާޅުވީ ރާއްޖޭގައި މަތީތައުލީމާއި ތަމްރީންދޭ މަރުކަޒުތަކުގެ ޕްރޮގްރާމްތައް އިންޓަރނޭޝަނަލައިޒްކޮށް، ރާއްޖެއިން ބޭރުގެ ދަރިވަރުންނަށްވެސް ރާއްޖޭގެ މަރުކަޒުތަކުގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެކަމަށެވެ. އެކަމަށް މަގުފަހި ކުރުމަށް އިންޓަރނޭޝަނަލް ވިސާ ހޯދުމަށްހުރި ދަތިތައް ނައްތާލައި އަދި "ޕެސްޓޯރަލް ކެޔަރ" އަށް ޤާނޫނީ ބާރުލިބިގެން ހޯމްސްޓޭއާއި ދަނާލުގައި އެކަމަޑޭޝަން ހަމަޖައްސައިދެވިގެންދާނެކަމަށެވެ.އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވިޒިޓަރ އިކޮނޮމީގެ ސިޔާސަތުގެ ދަށުން ހިންގަން ކަނޑައަޅައި ޕްރޮގްރާމެއްކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެކަމަނާ އިތުރަށް ވިދާޅުވީ ސަރުކާރު ފުރޮޅިގެން އައިއިރު ނޭޝަނަލް ޖޮބްސެންޓަރ އަކީ ހަމައެކަނި ވަޒީފާ ދޭ ފަރާތާއި ވަޒީފާ ބޭނުންވާ ފަރާތާއި ގުޅުވާއިދޭ ތަނެއްކަމަށެވެ. އެހެން ނަމަވެސް މިސަރުކާރުގެ އަމާޒަކީ ވަޒީފާ ބޭނުންވާ ފަރާތަތަކަށް ބޭނުންވާ ހުނަރުތައް ދެނެގަނެ އެ ހުނަރުތައް ދަސްކޮށްދީގެން، ވަޒީފާ ހޯދައިދިނުމަށް މަސައްކަތް ކޮށް ދިނުންކަމަށެވެ. އަދި އެކަށީގެންވާ ގޮތަކަށް މިކަން ކުރެވިގެންދާނީ މިކަމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށްގެންކަމަށްވާތީ ވޯރލްޑް ބޭންކްގެ އެހީގައި ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުތައް ދެނެގަތުމުގެ ދިރާސާއެއްގެ މަސައްކަތް އަމިއްލަ ފަރާތަކާއި ގުޅިގެން މިހާރު ފަށާފައިވާކަށެވެ. އަދި މި ދިރާސާގެ ނަތީޖާ މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ލިބޭނެކަމަށް އުންމީދު ކުރެވޭކަމަށެވެ. އެއަށްފަހު ތަޢުލީމަށް މިވުޒާރާމެދުވެރިކޮށް ސަރުކާރުންކުރާ ހޭދަތައް އިސްވެ ދެންނެވުނު ދިރާސާގެ ނަތީޖާއާއި ގުޅުވައިގެން ކުރިޔަށް ގެންދެވޭނެކަށެވެ. އަދި އަމާޒަކީ ޖޮބްސެންޓަރ އަކީ ކެރިޔަރ ގައިޑެންސް ދެވޭތަނަކަށް ހެދުންކަމަށާއި މިކަމަށް ބޭނުންވާ އޮނިގަނޑުވެސް ނިމިފައިވާކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކޮށް، އަބުރުވެރި މަސައްކަތުން ދިރިއުޅުން ބިނާކުރެވޭނެ މަގު ތަނަވަސްކުރުމަށް މި ސަރުކާރުން ބޭނުންވާކަމަށެވެ. އެހެންކަމުން ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ޖަމިއްޔާއިން އިސްނަގައިގެން ކުރިޔަށްދާ، ގުލޯބަލް ކޯލިޝަންފޯރ ސޯޝަލް ޖަސްޓިސް ނެޓްވޯރކްގައި ރާއްޖެއިން ބައިވެރިވުމަށް މިހާރުވަނީ ނިންމާފައިކަމަށެވެ. އަދި އިންޑްސްޓްރިއަލް ރިލޭޝަންސް އާއި އޮކިއުޕޭޝަނަލް ސޭފްޓީ އާއި ހެލްތް ޤާނޫނުން ބާރުލިބިގެން ހަދަންޖެހޭ އެންމެހާ ޤަވާއިދުތައް ހެދުމުގެ މަސައްކައްކަތް މިހާރު ކުރިޔަށްދާކަމަށެވެ.

ޤައުމީ ފެންވަރުގައި ރިސާރޗް ފަންޑެއް މިހާރު ޤާއިމްކުރެވިފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރިސާރޗް ކައުންސިލްއެއް އެކުލަވާލުމުގެ މަސައްކަތް ކުރިޔަށްދާކަމަށެވެ. ރިސާރޗަށް އިސްކަންދޭ ދާއިރާތަކެއް ކަނޑައެޅިގެން މިމަސައްކަތް މިއަހަރުގެ ތެރޭގައި ގްރާންޓްތަކަށް ހުޅުވާލެވޭނެކަމަށާ، މީގެ ތެރެއިން އިންސްޓިޓިއުޓްތަކާއި ވަކިވަކި ފަރުދުންނަށްވެސް ގްރާންޓަށް ހުށްއެޅުމުގެ ފުރުސަތު އޮންނާނެކަމަށްވެސް މިނިސްޓަރގެ ވާހަކަ ފުޅުގައި ވަނީ ވިދާޅުވެފައެވެ.