ކ.ތުލުސްދޫގައި ތަރައްޤީކުރާ ޕޮލިޓެކްނިކްގެ ބިންގާ އަޅުއްވައި ދެއްވައިފި
ކ.ތުލުސްދޫގައި ތަރައްޤީކުރާ ޕޮލިޓެކްނިކްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޕޮލިޓެކްނިކް ޕްރޮޖެކްޓް ސައިޓްއި މިއަދު ބާއްވާފިއެވެ.
މިއީ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން އިމާރާތްކުރުމާއި ހިންގުމުގެ މަސައްކަތް ޕްރޮޖެކްޓް ހިންގާ ފަރާތުން ފަންޑުކޮއްގެން ކުރާ އުސޫލުން (ބިލްޑް-ފައިނޭންސް-އޮޕަރޭޓް މޮޑެލްގައި) ކުރުމަށް ވިލާ އެޑިއުކޭޝަނަލް ސާރވިސް ޕވޓ. ލޓޑ އާ ހަވާލުކުރެވިގެން، ކުރިޔަށްދާ މަޝްރޫޢުއެކެވެ.
މި ރަސްމިއްޔާތުގައި ޕޮލިޓެކްނިކްގެ ބިންގާ އަޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރިޔަމް މާރިޔާ އާއި ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ މި އިންސްޓިޓިޔުޓުގެ ސަބަބުން، ރަށުގެ ޒުވާނުންނަށް އަމިއްލަ ފަސްގަނޑުގައި އާއިލާ އާއިއެކު ތިބެގެން، އެ ޒުވާނުންގެ ހުރި ހުނަރު އިތުރަށް ތަރައްގީކޮށް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށާއި، މި ފުރުސަތުތަކުގެ ބޭނުން ހިފާ ޒުވާނުންނަށް އެކަށޭނެ އާމްދަނީއެއް ލިބޭ ވަޒީފާއެއް ހޯދުމަށް މަގުފަހިވެގެން ދާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށެވެ. އަދި މިކަން ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށްޓަކައި، މިކަމުގައި މަސައްކަތްތައް ކޮށްދެއްވި އަދި ކުރަމުން ގެންދަވާ ތުލުސްދޫ ކައުންސިލަށާއި ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް ޝުކުރު އަދާކުރައްވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މި ޕޮލިޓެކްނިކް ޙާއްސަ ކޮއްފައިވަނީ ވޯޓަރ ސްޕޯޓްސް އާއި މެދު ފަންތީގެ ޓޫރިޒަމް ދާއިރާގެ ފަންނީ އެކިލެލެވަލްތަކުގެ ކޯސްތަކަށް ނަމަވެސް އެހެންނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައްވެސް މި އިންސްޓިޓިއުޓްގައި ހިންގޭނެއެވެ.
ކ.ތުލުސްދޫއިން 32،581.25 އަކަފޫޓްގެ ބިމެއް ތުލުސްދޫ ކައުންސިލުން މި ޕޮލިޓެކްނިކް އެޅުމައްޓަކައި ހަމަޖައްސަވައި ދެއްވާފައިވެއެވެ. އަދި ވޯޓަރ ސްޕޯޓްސް ދާއިރާގެ ތަމްރީނުތައް ހިންގުމަށްޓަކައި 1208.33 އަކަފޫޓުގެ ބިމެއް ބީޗް ފްރޮންޓުންވެސް ވަނީ ހަމަޖައްސަވައިދެއްވާފައިވާއިރު މި ޕޮލިޓެކްނިކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓްގެ ބައިތަކުގެ އިތުރުން އެކޮމަޑޭޝަންގެ ޚިދުމަތާއި، ޓޫރިޒަމްގެ ފަންނީ ތަމްރީނުތައް ދިނުމާއި ދަރިވަރުންނަށް ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްޤީކުރުމާއި ކްލާސް ރޫމްތަކާއި، އައި. ސީ. ޓީ ލެބޯޓަރީއަކާއި، އޮޑިޓޯރިއަމްއެއްގެ އިތުރުން ލައިބްރަރީއެއްވެސް މި މަޝްރޫއު ނިމިގެންދާއިރު ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތައް ވެސް ހުންނާނެއެވެ. މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓާއި ފަސްޓްއެއިޑްގެ ޚިދުމަތް ފަދަ އަސާސީ ކަންކަން ވެސް ހިމެނިފައިވާނެއެވެ.
މި މިރަސްމިއްޔާތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއި ވިލާ އެޑިޔުކޭޝަނަލް ސާވިސަސްގެ ވެރީންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމާއި، މާލެ އަތޮޅު ކައުންސިލާއި، ތުލުސްދޫ ކައުންސިލްގެ އިސް ބޭފުޅުންނާއި އެރަށުގެ މުއައްސަސާތަކުގެ ވެރީންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
