"މަތީތަޢުލީމު އުނގެނުމަށް ބޭނުންވާ އެހީތެރިކަން އެކަމަށް ބޭނުންވާ ހުރިހާ ދަރިވަރުންނަށް ތަނަސަވަސްކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން": މިނިސްޓަރ
މަތީތައުލީމާއި ތަމްރީނު ލިބިގަތުމަށް އެދޭ ހުރިހާ ކުދިންނަށް، އެކަމަށް ބޭނުންވާ މާލީ އެހީތެރިކަމާއި ސްކޮލަރޝިޕްގެ ފުރުސަތު މި ހިންގާ ފަސް އަހަރު ނިމޭއިރު ތަނަވަސްކޮސްދިނުމަށް މަސައްކަތް ކުރައްވަމުންއަންނަކަމަށް މަތީތައުލީމާއި މަސައްލަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެންވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިނަށް މައުލޫމާތު ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމްކޮށްގެން މަހަކު އެއްފަހަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ސިލްސިލާގައި އެކަމަނާގެ މިނިސްޓްރީގެ ފަރާތުން މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
އެކަމަނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަތީތައުލީމާއި ތަމްރީނަށް ވަރަށްބޮޑު އިސްކަމެއްދެއްވާކަމަށެވެ. ޚާއްސަކޮށް ހުނަރުވެރި، އަމިއްލަ މަސައްކަތުން އަމިއްލަ ދިރިއުޅުން އާރާސްތުކުރާ އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ، ފުދުންތެރި ޖީލެއް ބިނާކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގައި މަތީތަޢުލީމްގައި ކިޔަވަންއެދޭ ހުރިހާ ކުދިންނަށް އުނގެނުމާއި ތަމްރީންވުމަށް މާލީ އެހީތެރިކަމާއި ސްކޯލަރޝިޕްގެ ފުރުސަތު މި ހިންގާ ފަސް އަހަރު ނިމޭއިރު ތަނަވަސްކޮސްދިނުމަށް" – ވަޒީރު ޑރ. މާރިޔާ -
އެ މަޤުސަދު ހާސިލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސިއްޙީ ދާއިރާއިން މީހުން ބިނާކުރުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ މެޑިކަލް ސްކޫލާއި، ރިސޯޓްތަކުގެ ދާއިރާތަކަށް މީހުން ތަމްރީން ކުރުމަށްޓަކައި ޓްރައިނިންގ ސްކޫލެއް ގާއިމު ކުރައްވާނެއެވެ. އަދި އޭގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީތަޢުލީމާއި ތަމްރީންދޭ މަރުކަޒާއި ދަނާލްތައް ޤާއިމް ކުރާނެއެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ(އެމްއެންޔޫ) އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ(އައިޔޫއެމް) އާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ ސެންޓަރުތައް ގާއިމުކުރެވޭނެއެވެ. އެކިއެކި ސަރަހައްދުތަކަށް މުހިންމު ޚާއްސަ ދާއިރާތައް ދެނެގަނެ، އެ ސެންޓަރތައް އެދާއިރާތަކުން ތަމްރީންދޭ މަރުކަޒުތަކަށް ޚާއްސަކުރެވިގެންދާނެއެވެ.
އެގޮތުން ދަނޑުވެރިކަމާއި މަސްވެރިކަމާއި، ވަޑާމާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އެކިއެކި ބަސް ދަސްކޮށްދޭ މަރުކަޒުތަކަށް އެތަންތަން ޚާއްސަވެގެންދާނެއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މަތީތަޢުލީމާއި މަސައްކަތްތެރިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި ޕްރައިވެޓް ކޮލެޖްތަކާއި ، ޔުނިވާސިޓީތަކާއި ގުޅިގެން ވެސް މަސައްކަތް ކުރައްވަމުން އެބަ ގެންދަވައެވެ.
