އީރާނުގެ ނައިބު ރައީސަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި
އީރާނުގެ ރައީސް ޑރ. ސައްޔިދު އިބްރާހީމް ރައީސީއާއި ޚާރިޖީ ވަޒީރު ޙުސައިން އާމިރު-ޢަބްދުއްލަހިޔާން އަވަހާރަވުމާ ގުޅިގެން އެ ޤައުމުގެ ނައިބު ރައީސް މުޙައްމަދު މުޚްބަރުއަށް، ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތައުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
މި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއެކުކަމަށް މިނިސްޓަރު ޒަމީރުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. އަދި މި މެސެޖުގައި، މިނިސްޓަރު ޒަމީރުވަނީ އިރާނުގެ ރައްޔިތުންނަށް ދިމާވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ފޮނުއްވައި، ވަކިވެދިޔަ ފަރާތްތަކުގެ ފުރާނަފުޅަށް ރަޙުމަތްލައްވައި ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދިވަޑައިގެން މާތް ﷲ އަށް ދުޢާ ދަންނަވާފައެވެ.
ޚާރިޖީ ވަޒީރުގެ މެސެޖުގައި ޑރ. ސައްޔިދު އިބްރާހީމް ރައީސީއަކީ އީރާނާއި އީރާނުގެ ރައްޔިތުންގެ ޙައްޤުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި، ހިކުމަތްތެރި، ފަސްޖެހިވަޑައިނުގަންނަވާ ވެރިއެއްކަން ފާހަގަކުރައްވައިފައެވެ. އަދި އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އާމިރު-ޢަބްދުއްލަހިޔާންއަކީ ދިވެހިރާއްޖެއާއި އީރާނާ ދެމުދެ އޮތް ގުޅުމަށް އަހައްމިޔަތުކަމެއް ދެއްވައި، އީރާނުގެ ޚާރިޖީ ސިޔާސަތު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއްކަންވެސްވަނީ މިނިސްޓަރ ޒަމީރުގެ މެސެޖުގައި ފާހަގަކުރައްވާފައެވެ.
19 މެއި 2024 ގައި އިރާންގެ ރައީސް އަދި ޚާރިޖީ ވަޒީރު ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުމުގެ ހިދާމަވެރި ހާދިސާއާ ގުޅިގެން، އިރާންގެ ރައީސްގެ ޖަނާޒާފައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ޙާއްސަ މަންދޫބެއްގެ ގޮތުން މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާރކްސް އަލްފާޟިލް އާދަމް ޝަރީފު އުމަރު ވަނީ 21 އިން 24 މެއި 2024 އަށް އިރާން އަށް ދަތުރުފުޅެއް ކުރައްވާފައެވެ.
