ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ޝިޒާންގ އޮޓޮނޮމަސް ރީޖަންގެ ރައްޔިތުންގެ ފަރާތުން ހަދިޔާކުރި 1500 ޓަނުގެ މިނަރަލް ވޯޓާ ދިވެހި ސަރުކާރަށް ހަދިޔާ ކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި 1500 ޓަނުގެ ފެނާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޚާރިޖީ ވަޒީރު މޫސާ ޒަމީރެވެ. ޗައިނާގެ ފަރާތުން މިފެން ހަދިޔާ ކުރެއްވީ ދިވެހިރާއްޖެއަށް ޗައިނާގެ ފަރާތުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލީޝިންއެވެ.
1500 ޓަނުގެ މިނެރަލް ވޯޓާ ބޭނުން ކުރަން ހަމަޖެހިފައިވަނީ ރާއްޖޭގެ ރަށްރަށަށް ފެނުގެ ދަތިކަން ދިމާވާ ހާލަތްތަކުގައި، އެ ރަށްރަށަށް އެހީގެ ގޮތުގައި ފެން ފޯރުކޮށްދިނުމަށެވެ.
މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ޗައިނާގެ ޝިޒާންގ އޮޓޮނޮމަސް ރީޖަންގެ ފަރާތުން ވެދެއްވި ދީލަތި އެހީއަށް ޝުކުރު އަދާކުރައްވައި، ދިވެހިރާއްޖެއާއި ޗައިނާ އާ ދެމެދު އޮތް ގާތްގުޅުމަށް އަލިއަޅުވާލައްވާފައެވެ. އަދި ވަކިން ހާއްސަކޮށް ދިވެހިންނަށް ދިމާވާ ދަތި އުނދަގޫ ވަގުތު ތަކުގައި ޗައިނާ ސަރުކާރުން ދިވެހި ސަރުކާރަށް ވެދެއްވާ އެހީ ތެރި ކަން ވެސް ފާހަގަކުރައްވައިޝުކުރުއަދާކުރެއްވިއެވެ.
