logo
banner image
ޞިއްޙީ ވުޒާރާ

ތެލެސީމިއާ ހޮސްޕިޓަލް ވާނީ މި ސަރަޙައްދުގައިވެސް ތަރައްޤީކުރާ އެންމެ ވަރުގަދަ އެއް ހޮސްޕިޓަލަށް- ހެލްތު މިނިސްޓަރ

ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ތެލެސީމިއާ ހޮސްޕިޓަލް ވާނީ މި ސަރަޙައްދުގައިވެސް ތަރައްޤީކުރާ އެންމެ ވަރުގަދަ އެއް ހޮސްޕިޓަލަށްކަމަށް މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ އަބުދުﷲ ޚަލީލު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަޤުވާމީ ތެލެސީމިއާ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބެއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލް ތަރައްޤީކުރެވިގެންދާނީ ބޯންމެރޯ ހެދޭނެ އިންތިޒާމްތަކާއެކުގައިކަމަށެވެ.

ރާއްޖޭގައި ތެލަސީމިއާ ކުދިންނަށް ޚިދުމަތް ދޭނެ ފުލްފްލެޖް ހޮސްޕިޓަލެއް ހުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ތަސައްވުރެކެވެ. އެހެންކަމުން ފުލްފުލެޖް ހޮސްޕިޓަލެއް ތަރައްޤީކުރާއިރު ޚިދުމަތްދޭ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން މީހުންނަށް ތަމްރީން ދިނުމުގެ މުހިންމުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން މީހުން ތަމްރީން ކުރުމަށްޓަކައި އަވަށްޓެރި ބައެއް ޤައުމުތަކުގެ އެހީ ހޯދުމުގެ މަސައްކަތް ފަށާ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މީގެ ކުރިން ބޯން މެރޯ ޓެސްހެދުމަށް ކުރަންޖެހޭ މަސައްކަތަކީ އުނދަގޫކަމެއްކަން ފާހަގަކުރައްވާ ރައީސްގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގައި ތިބިގެން ބޯންމެރޯ ޓެސްޓް ހެދޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަންވެސް ފާހަގަކުރައްވަފައެވެ.

މިއަހަރުގެ މާރޗްމަހުގެ 7 ވަނަ ދުވަހު އެކަމުގެ ފުރަތަމަ ބުރުގެ މަސައްކަތްތައް ވަނީ ނިމިފައި. އަދި ކައިރި މުސްތަޤުބަލެއްގައި ދެވަނަ ބުރުގެ މަސައްކަތްތައް ނިންމާލެވޭނެއެވެ. ފުރަތަމަ ބުރުގައި 13 މީހެއްގެ ޓެސްޓްހަދާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އެހީތެރިކަމާއެކު ތެލެސީމިއާ ވާރުތަކުރާ މައްސަލައަށް އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމަށްކަމަށެވެ. އަދި ޑަބްލިޔު.އެޗް.އޯ ގެ އިތުރުން ބޭރުގެއެކި ފަރާތްތަކުގެ އެހީތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.