ފޭދޫ ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތް، މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ފައްޓަވައިދެއްވައިފި
ފޭދޫ ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތް ކުރުމަށް ކުންފުންޏަކާ ޙަވާލުކޮށް، މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފެށުމުގެ ގޮތުން ރޭ އައްޑޫ ސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އެވެ.
މި ޕްރޮޖެކްޓު ޙަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުޞޫލުން 480 ދުވަސްތެރޭގައި ނިންމާގޮތަށް 145,292,400ރ އަށް، އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
ޒަމާނީ ގޮތަކަށް ޑިޒައިން ކުރެވޭ ފޭދޫ ސްކޫލުގެ މި އައު ޢިމާރާތުގައި ގްރައުންޑް ފްލޯރ އާ އެކު ޖުމްލަ 6 ފަންގިފިލާ ހުންނާނެއެވެ. މިއީ ޖުމްލަ 39 ކްލާސްރޫމް ހިމެނޭ، 1200 ދަރިވަރުންގެ ޖާގައިގެ ސްކޫލް ޢިމާރާތެކެވެ. މި ސްކޫލް ޢިމާރާތުގައި 790 މީހުންގެ ޖާގައިގެ ހޯލަކާއި، ކޮމްޕިއުޓަރ ލެބް، ސައިންސް ލެބް، ހެލްތް ރޫމް، ސްޕޯޓްސް ރޫމް، ކައުންސިލިން ރޫމް ފަދަ ސްކޫލްތަކަށް ބޭނުންވާ ހުރިހާ ވަޞީލަތްތައް ޤާއިމުކުރެވިގެން ދާނެއެވެ. މީގެ އިތުރުން މަދުވެގެން 2 ލިފްޓު ޤާއިމުކުރުމަށާއި، ސްކޫލް ގޯތި ތެރޭގައި ސިންތެޓިކް ޓްރެކެއް އެޅުމުގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ބޭނުންވާ އެކި ވަޞީލަތްތައް ޤާއިމުކުރެވިފައިވާ 2 ކްލާސްރޫމް ހިމެނޭ ކްލާސްރޫމް ބްލޮކެއް ޢިމާރާތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މި ސްކޫލަކީ ފުރަތަމަ ފަހަރަށް، ސްކޫލުގެ ޓީޗަރުންނާއި އިދާރީ މުވައްޒަފުންނާއި އަދި މަސައްކަތު ބޭފުޅުންވެސް ހިމެނޭގޮތަށް، އެ މުވައްޒަފުންގެ ތުއްތު ބޭފުޅުން ބަލަހައްޓާނެ ޑޭ ކެއަރ ފެސިލިޓީއަކާ އެކު ޤާއިމުކުރެވޭ ސްކޫލަށް ވެގެންދާނެކަމަށެވެ. އަދި ދިވެހިރާއްޖޭގައި އިންގްލިޝް ލެންގުއޭޖް ލެބާއި ދިވެހި ލެންގުއޭޖް ލެބް ހިމެނޭ ގޮތަށް ސްޕެޝަލައިޒްޑް ލެންގުއޭޖް ލެބްތައް ޤާއިމުކުރެވޭ ފުރަތަމަ ސްކޫލަކަށް ވެސް މި ސްކޫލް ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ފޭދޫ ސްކޫލުގެ މި ޕްރޮޖެކްޓް ޙަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަލްފާޟިލް ޙުސައިން މުޙައްމަދެވެ. އަދި އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލް އުސްތާޛް ޝިހާދު އިބްރާޙީމް އެވެ.
ފޭދޫ ސްކޫލަކީ މިހާރުވެސް 560 ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުންދާ ސްކޫލެކެވެ. މި އައު ޢިމާރާތާއެކު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެއެވެ.
