ހުޅުމާލޭ ފޭސް 2ގައި ސަރުކާރުން އަލަށް ޢިމާރާތްކުރާ ސްކޫލްގެ ބިންގާ އަޅައިފި
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކުރާ ދެވަނަ ސްކޫލުގެ ބިންގާ މިއަދު އަޅައިފިއެވެ. މި ސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ މިއަދު އެކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ސްކޫލްގައި 54 ކްލާސްރޫމާއި، ހޯލާކާއި ސްކޫލުތަކުގައި ހިމެނޭ އެހެނިހެން ވަޞީލަތްތަކުގެ އިތުރުން، ކުޅިވަރު ކުޅުމަށްޓަކައި ޓަރފްދަނޑެއް ހިމެނޭނެއެވެ.
ގާތްގަނޑަކަށް 1700 ދަރިވަރުންގެ ޖާގައިގެ މި ސްކޫލް ޢިމާރާތް ކުރަނީ، ކޮންޓްރެކްޓަރ ފައިނޭންސިންގ އުޞޫލުގެ ދަށުން އާރު.ސީ.ސީއާ ޙަވާލުކޮށްގެންނެވެ. މި ސްކޫލްގެ ޢަމަލީ މަސައްކަތް ޖެނުއަރީ މަސްތެރޭ ފެށުމަށް ހަމަޖެހިފައިވާއިރު، 18 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
