ކޮމަންވެލްތް އެޑިޔުކޭޝަން މިނިސްޓަރސް ކޮންފަރެންސް 2024 ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ
ކޮމަންވެލްތް އެޑިޔުކޭޝަން މިނިސްޓަރސް ކޮންފަރެންސް 2024 ގައި ދިވެހިރާއްޖޭގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެ ވަޑައިގެންފިއެވެ. މި ކޮންފަރެންސް ކުރިއަށް ދިޔައީ 15-16 މޭ 2024 އަށް، އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ.
މި ކޮންފަރެންސްއަކީ އަކީ ކޮމަންވެލްތު ޤައުމުތަކުގެ ތަޢުލީމާއި،ލަރނިންގ އެޖެންޑާގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަންދީގެން މަޝްވަރާތައް ކުރިއަށްގެންދިއުމަށްޓަކައި ބާއްވާ މުހިންމު ފޯރަމެކެވެ.
މި ކޮންފަރެންސްއަށް މި އަހަރު ކަނޑައަޅާފައިވާ ޝިޢާރަކީ "ޑްރައިވިން ރެޒިލިއަންސް،އިކުއިޓީ އެންޑް ސްކިލްސް ފޮރ އަ އިންކްލޫސިވް ފިއުޗާރ" އެވެ.
މި ޝިއާރުން ބާރުއަޅާ ކަންކަމުގެ ތެރޭގައި ތަޢުލީމަކީ ޢިލްމާއި، ވިލުނުވެރިކަމާއި، ހަމަހަމަކަމުގެ އިތުރުން ތަފާތު ހުނަރުތައް ލިބި، ފަރުދުން ބާރުވެރިކުރުވާ، އަދި ޝާމިލު މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިކުރުވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
މި ކޮންފަރެންސްގައި މިނިސްޓަރގެ އިތުރުން ރާއްޖޭގެ ފަރާތުން ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ކޮންފަރެންސްގެ މަޝްވަރާތައް މިއަހަރު ކުރިއަށް ދިޔައީ މައިގަނޑު 3 ދާއިރާއަކަށް އަމާޒުކޮށްގެންނެވެ. އޭގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ތަޢުލީމީ ދާއިރާގެ ތެރެއިން ތިމާވެއްޓާ ރައްޓެހި އަދި ވިލުންތެރި މުޖުތަމަޢުއެއް ބިނާކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. މީގެ އިތުރުން ކޮމަންވެލްތް ޤައުމުތަކުގެ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.
