މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އެޑިޔުކޭޝަން ވޯލްޑް ފޯރަމްގައި ބައިވެރިވެ ވަޑައިގެންފި
އެޑިޔުކޭޝަން ވޯލްޑް ފޯރަމް 2024 ގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.މިކޮންފަރެންސް ކުރިއަށް ދިޔައީ މޭ މަހުގެ 19 އިން 22 އަށް، އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައެވެ.
މިނިސްޓަރގެ އިތުރުން މިއަހަރު މި ފޯރަމްގައި ރާއްޖޭގެ ފަރާތުން ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ފޯރަމަށް މިއަހަރު ކަނޑައަޅާފައިވާ ތީމަކީ އާޓިފިޝަލް އިންޓެލިޖެންސްއާ މެދު ވިސްނުމަށް ބާރުއެޅުމާއި، އިންސާނީ ގުޅުންތައް ދަމަހައްޓާ، ވިލުނުވެރިކަން އިތުރުކޮށް، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން އަޅާ ފިޔަވަޅުތައް އަވަސްކުރުމަށް ގޮވާލުމެވެ. މީގެ އިތުރުން ތަޢުލީމު ފޯރުކޮށްދިނުން އިތުރަށް ހަރުދަނާ ކުރެވޭނެ ސިޔާސަތުތައް އެކުލަވާލައި، ތަންފީޒުކުރުމަށް އިސްކަންދިނުމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.
މިނިސްޓަރ ޑރ. އިސްމާއީލް ޝަފީޢު ވަނީ މި ފޯރަމްގައި ކުރިއަށް ދިޔަ ޕްލެނަރީއެއްގައި ބައިވެރިވެ، ވާހަކަފުޅު ދައްކަވާފައެވެ. މި ޕްލެނަރީގައި މިނިސްޓަރ އަލިއަޅުވާލެއްވީ ދުޅަހެޔޮކަމާއި ވިލުނުވެރިކަން އިތުރުކުރުމަށްޓަކައި އުނގެނުމާއި އުނގަންނައިދިނުމުގެ ވައްޓަފާޅި ބަދަލުކުރުމަށާއި، އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ރަނގަޅުގޮތުގައި ހިފުމާ ގުޅޭގޮތުންނެވެ.
އަހަރަކު އެއްފަހަރު ބާއްވާ ވޯލްޑް އެޑިޔުކޭޝަން ފޯރަމަކީ ދުނިޔޭގެ ޤައުމުތަކުން އެންމެ ގިނަ ތަޢުލީމީ ވަޒީރުންނާއި ތަޢުލީމާ ބެހޭ މުފައްކިރުން އެއްތާކުން ބައްދަލުވެ، ތަޢުލީމީ ދާއިރާ ކުރިއަރުވާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް،ތަޖުރިބާ ޙިއްޞާކުރުމަށް ބޭއްވޭ މިފަދަ އެންމެ ބޮޑު ފޯރަމެވެ. މޭ 7 އިން 10 އަށް ކުރިއަށްދާ މި ފޯރަމްގައި މި އަހަރު ދުނިޔޭގެ އެކި ޤައުމުތަކުން 117 ތަޢުލީމާ ބެހޭ ވަޒީރުން ބައިވެރިވެ ވަޑައިގަންނަވައެވެ.
