logo
banner image
ޞިއްޙީ ވުޒާރާ

ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނެރުމުގެ އުސޫލު އާއްމުކޮށްފި

އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނެރުމަށް އެކުލަވާލާފައިވާ އުސޫލު އިފްތިތާޙްކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިއުސޫލު އިފްތިތާހްކޮށްދެއްވި ދިވެހިރާއްޖޭގެ ނާއިބް ރައީސް އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފު އެވެ.

މިނިސްޓްރީ އޮފް ހެލްތާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން އެކުލަވާލާފައިވާ މި އުޞޫލްގެ ދަށުން ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމަށް މަގުފަހި ކޮށްދިނުމަށްޓަކައި، އެފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީގައި އެކުލަވާލާ، އެފަރާތްތަށް ވަޒީފާއަށް ނެރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މި އުޞޫލުގެ ތެރެއިން ދަފްތަރުގައި ރެޖިސްޓްރީކުރެވި ޞިއްޙީ ޚިދުމަތްތެރިން މެރިޓް އުސޫލުން (ތަޢުލީމު، ތަޖުރިބާ އަދި ހުނަރަށް ބަލައި) "ޞިއްޙީ ދާއިރާއަށް ޙާއްޞަ ޑައިރެކްޓް ރެކްރޫޓްމެންޓް"ގެ ދަށުން ވަޒީފާ ހަމަޖެއްސުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ.

މި އުޞޫލުގެ ދަށުން ޚިދުމަތުން ދުރުވެފައިތިބި ފަންނީ މުވައްޒަފުން ޚިދުމަތަށް ނެރެވިއްޖެނަމަ، ޚިދުމަތް މެދުކެނޑުމަށް ދިމާވާ ޙާލަތްތަކުގައި ލުއިފަސޭހަކޮށް މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތައް މެދުވެރިކޮށް ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެއެވެ.

އެކި އެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ނަރުހުންނާއި ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ޚާއްޞަ ސިޔާސަތެއް އެކަށައެޅުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14 ގެ ވަޢުދެކެވެ.

ޞިއްޙީ ދާއިރާގައި މިހާރު މަސައްކަތްކުރާ ފަންނީ މުވައްޒަފުންގެ ތެރެއިން %56 އަކީ ބިދޭސީން މުވައްޒަފުންނެވެ.