logo
banner image
ޞިއްޙީ ވުޒާރާ

ވޯލްޑް ހެލްތު އެސެމްބްލީ ފެށުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ ބައިވެރިވެވަޑައިގެންފި

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ 77 ވަނަ ސެޝަން ސްވިޒަލޭންޑްގެ ޖެނީވާގައި މިއަދު ފަށައިފިއެވެ. މިބައްދަލުވުމުގައި މިނިސްޓަރ އޮފްހެލްތު ޑޮކްޓަރ ޢަބްދުﷲ ޚަލީލް އަދި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ މެމްބަރު 194 ޤައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.

މި ބައްދަލުވުމުގެ ހާވާސާގެ ތެރެއިން މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ އަބުދުﷲ ޚަލީލްވަނީ އަވަށްޓެރި ސްރީލަންކާގެ ހެލްތު މިނިސްޓަރ، ސައުދީ އަރަބިޔާގެ ހެލްތު މިނިސްޓަރ އަދި ކިއުބާގެ ހެލްތު މިނިސްޓަރާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުންތަކުގައި މިނިސްޓަރ ވަނީ ސިއްޙީ ދާއިރާއަށް ބޭނުންވާ އެހީތެރިކަން ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ސްރީލަންކާގެ ހެލްތު މިނިސްޓަރ ޑރ. ރަމޭޝް ޕްތްރިނާއާއި އެކު ބޭއްވި ބައްދަލުވުމުގައި ރާއްޖެއަށް ޞީއްޙީ ދާއިރާގެ މުވައްޒަފުން ހޯދުމާއި، އިންޓާންޝިޕް ގެ ފުރުޞަތުތަކާއި އެހެނިހެން ތަމްރީންގެ ފުރުޞަތު ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ކިއުބާގެ ހެލްތު މިނިސްޓަރ އާއި އެކު ބޭއްވުނު ބައްދަލުވުމުގައި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ތަމްރީން ފުރުޞަތު ހޯދުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ސައުދީއަރަބިޔާގެ ހެލްތު މިނިސްޓަރ އާއި އެކު ކުރެވުނު މަޝްވަރާތަކުގައި ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީތެރިވުމާއި، ޞިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހުނަރު އިތުރުކުރުމަށް ތަމްރީން ހޯދައިދިނުމާއި ،ޑިޛިޓަލް ހެލްތު ހަރުދަނާކުރުމަށް އެހީތެރިކަން ދިނުން ހިމެނެއެވެ.

މިއަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ ޢަބްދުالله ޚަލީލް އެވެ. މީގެ އިތުރުން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ސަލްމާ ރަޝީދުވެސް މި އެސެމްބްލީގައި ބައިވެރިވިއެވެ.މިނިސްޓަރ ގެ މި ދަތުރުގައ މިނިސްޓްރީ އޮފް ހެލްތްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

ވޯލްޑް ހެލްތް އެސެމްބްލީގައި ދުނިޔޭގެ ސިއްޙީ ދާއިރާއިން މިހާރު ފާހަގަކުރެވޭ ތަފާތު މައުޝްރޫޢުތައް މަޝްވާރާކުރެވޭނެއެވެ. މިގޮތުން ޔުނިވާސަލް ހެލްތު ކަވަރޭޖް، އިންފެކްޝަސް ޑިޒީޒް ޕްރިވެންޝަން، މައިންނާއި ކުޑަކުދިންގެ ޞިއްޙަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކާއި އެންޓިމައިކްރޯބިއަލް ރެސިސްޓެންސް ފަދަ މައުޟޫއުތައް މަޝްވަރާ ކުރެވޭނެއެވެ. މީގެ އިތުރުން އިމަރޖެންސީ ޕްރިޕެއަރޑްނަސް އެންޑް ރެސްޕޮންސް، ސަސްޓެއިނަބްލް ފައިނޭންސިންގ އާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ.